
ޣައްޒާގައި އިއްޔެ ޝަހީދު ކޮށްލި އަލްޖަޒީރާގެ މުޙައްމަދު
އިޒްރޭލުން ލުބުނާނާއި ފަލަސްޠީނުގެ ޣައްޒާގައި ހިންގި ލާއިންސާނީ ޖަރީމާ ތަކުގައި އަލްޖަޒީރާގެ ނޫސްވެރިޔަކާއި އިތުރު ނޫސްވެރިއަކު ޝަހީދުކޮށްލައިފިއެވެ. މިއާއެކު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުވި ނޫސްވެރިންގެ ޖުމްލަ އަދަދު މިހާރު ވަނީ 263 އަށް އަރާފައެވެ.
ޣައްޒާގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އެންމެ ފަހުން ޝަހީދުވެފައިވަނީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މުޙައްމަދު އަބޫ ޝަރީޢާ އެވެ. އޭނާ ޝަހީދުވެފައިވަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރާތު ކޭމްޕުގެ ހުޅަނގު ފަރާތަށް އިޒްރޭލުގެ ސިފައިން ދިން ވަރުގަދަ ހަމަލާއެއްގައެވެ.
މި ހަމަލާއާ ގުޅިގެން ފަލަސްޠީނުގެ މީޑިއާ އޮފީހުން ވަނީ އިޒްރޭލުގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ އޮފީހުން ބުނި ގޮތުގައި އިޒްރޭލުން ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާދެނީ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާއި، ބިމުން ބޭރުކުރުމުގެ ހަގީގަތް ދުނިޔެއަށް ސިއްރު ކުރުމުގެ ބޭނުމުގައެވެ.










