ސަރުކާރުން އަލަށް ފެށި ބަންކަރިންގެ ހިދުމަތުން މިހާތަނަށް ދައުލަތަށް 730 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބަންކަރިންގެ ހިދުމަތާ ގުޅޭގޮތުން އެކި ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުކުރި ނަމަވެސް، މިދިޔަ މާޗު މަހުގެ ނިޔަލަށް އެކަނިވެސް 730 މިލިއަން ރުފިޔާ ދައުލަތަށް ވަދެފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފަށާފައިވަނީ މި މަޝްރޫއުގެ ސަބަބުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްގެންނެވެ. އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދެމުންދަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ގުޅިގެންނެވެ.
މި ހިދުމަތުގެ ދަށުން ބައިނަލްއަގުވާމީ ބޯޓުފަހަރަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ސީދާ ކުރިއަށް ގެންދަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިންނެވެ. މި މަސައްކަތަށް ހާއްސަކޮށްގެން ދެ ބޯޓެއް ދަނީ ބޭނުންކުރަމުންނެވެ. އެއީ 3,258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3,929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ.
އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި، މި ދެ ބޯޓަކީވެސް ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ބަނދެފައިވާ ބޯޓުތަކެކެވެ. މި ހިދުމަތަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ގިނަ އަދަދެއްގެ އުޅަނދުފަހަރަށް އަމާޒުކޮށްގެން ފަށާފައިވާ މުހިންމު އިގްތިސާދީ ހަރަކާތެކެވެ.










