މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޯޕަރޭޝަން ލިމިޓެޑް(މިފްކޯ) އިން ވިއްކާ މަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލު އަނބުރާ ގެންގޮސް، ކުރިންވެސް މަސްދަޅު ވިއްކަމުންދިޔަ ހެޔޮ އަގުގައި މަސްދަޅު ވިއްކުމަށް އެ ކުންފުނިން ނިންމައިފިއެވެ.
މިފްކޯއިން މިއަދު ފުރަތަމަ ނިންމާފައިވަނީ އެ ކުންފުނިން އުފައްދާ އަދި ވިއްކާ ތެޔޮމަސްދަޅުގެ އަގު ބޮޑުކުރުމަށެވެ. ނަމަވެސް، އެ ނިންމުމާ ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދުނު ކަންބޮޑުވުންތަކަށާއި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތަކަށް ރިއާޔަތްކޮށް، އެ ކުންފުނިން މިހާރު ވަނީ އަގު ބޮޑުނުކޮށް ކުރިން އޮތްގޮތަށް އަގުތައް ދެމެހެއްޓުމަށް ނިންމާފައެވެ.
މި ނިންމުމާ އެކު، މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް ލިބޭނީ 17.50 ރުފިޔާއަށެވެ. އަދި ތެޔޮމަސްދަޅު ކޭހެއް ވިއްކާނީ 760 ރުފިޔާއަށެވެ.
މިކަމާ ގުޅިގެން މިފްކޯއިން ބުނީ، އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީއެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ކުންފުނީގެ ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ޚިޔާލާއި މަސްލަހަތަށް އަބަދުވެސް އިސްކަންދޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބަލައި މިފްކޯއިން ނިންމި މި ނިންމުމަކީ އާންމު ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ.









