އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ހުރިހާ ސިޓީއެއްގެ މޭޔަރުގެ ގޮނޑިތަކާއި ކައުންސިލްތަކުގެ ސުޕަ މެޖޯރިޓީ އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.
މި އިންތިހާބުގައި މިހާރު ވެސް މޭޔަރުކަމުގެ މަގާމުގައި ތިއްބެވި ފަސް ބޭފުޅުން ވަނީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފައެވެ. ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި މޭޔަރުންނަކީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އަދި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އެވެ. މި ފަސް ބޭފުޅުން ވެސް އިންތިހާބުގައި ވާދަކުރެއްވީ އެމްޑީޕީގެ ޓިކެޓުގައެވެ.
ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި އެމްޑީޕީއަށް ކޮންމެ ސިޓީ ކައުންސިލަކުން ވެސް ގެއްލިފައިވަނީ އެންމެ ގޮނޑިއެކެވެ. މާލެ ސިޓީން ވިލިމާލެ ދާއިރާގެ ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބުކުރި އިރު، ވިލިމާލެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓު އިބްރާހިމް ސަމާހެވެ.
އައްޑޫ ސިޓީން ވެސް އެމްޑީޕީން ވަނީ ބޮޑު އަގުލަބިއްޔަތެއް ހޯދާފައެވެ. އެ ސިޓީން އެމްޑީޕީއަށް ނުލިބި ވަނީ ހިތަދޫ މޫލެކެޑެ ދާއިރާގެ ގޮނޑި އެކަންޏެވެ. އެ ގޮނޑިއަށް ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދު ކުރީގައި އޮތް ނަމަވެސް، އެމްޑީޕީގެ ކެންޑިޑޭޓާ ދެމެދު އޮތް ފަރަގު ވަރަށް ކުޑައެވެ.
ފުވައްމުލަކު ސިޓީން އެމްޑީޕީން ވާދަނުކުރާ ދަޑިމަގު ދާއިރާގެ ގޮނޑި އަމިއްލަ ކެންޑިޑޭޓަކު ކާމިޔާބުކުރި އިރު، ކުޅުދުއްފުށި ސިޓީން ޕީއެންސީއަށް ލިބުނީ ހުޅަނގު އުތުރު ދާއިރާގެ ގޮނޑިއެވެ. އަދި ތިނަދޫ ސިޓީން ޕީއެންސީން ކާމިޔާބުކުރީ ތިނަދޫ ދެކުނު މެދު ދާއިރާގެ ގޮނޑިއެވެ.
މި އިންތިހާބުގެ ކުރިން ވެސް މާލެ ސިޓީ ފިޔަވައި އެހެން ހުރިހާ ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ އޮތީ އެމްޑީޕީ އަތުގައެވެ. ނަމަވެސް މިފަހަރުގެ ނަތީޖާއާއެކު މާލެ ސިޓީ ހިމެނޭހެން ހުރިހާ ސިޓީއެއްގެ ފުރިހަމަ ކޮންޓްރޯލް އެމްޑީޕީން މިވަނީ ނަގާފައެވެ.










