ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށް ވެސް އޮންނަ ގާނޫނީ ހައްގަކަށް ވާތީ، އެ ހައްގު އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސްކުރައްވައިފި އެވެ.
ރައީސް މިކަމަށް އެދިވަޑައިގަތީ މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލެއްވުމަށްފަހު އެވެ.
ތާޖުއްދީން ސްކޫލުގައި ހުރި ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ވޯޓުލުމަކީ ހުރިހާ ރައްޔިތުންގެ އަސާސީ ގާނޫނީ ހައްގެއް ކަމަށެވެ.
"އެހެންވީމަ ރައްޔިތުންގެ ގާނޫނީ ހައްގު އަދާކުރުމަށް ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި، މި އިންތިހާބުތަކުގައި ވޯޓުލުމަށްޓަކައި މުޅި ރާއްޖޭގައި 588 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ. ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
މި އިންތިހާބުތަކުގައި ޖުމުލަ 2,961 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ 1,593 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ 1,368 ކެންޑިޑޭޓުން ހިމެނެ އެވެ. މި އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެ ޕާޓީގެ 1,322 ކެންޑިޑޭޓުން ވާދަކުރެ އެވެ.
އިދިކޮޅު އެމްޑީޕީން 905 ކެންޑިޑޭޓުން ވާދަކުރާއިރު، އެމްޑީއޭ އިން 57، ޖުމްހޫރީ ޕާޓީން 15، އަދާލަތު ޕާޓީން 9 އަދި ދަ ޑިމޮކްރެޓްސް އިން 8 ކެންޑިޑޭޓުން ވާދަކުރެ އެވެ. މީގެ އިތުރުން އަމިއްލަ ގޮތުން 645 ކެންޑިޑޭޓުން މި އިންތިހާބުތަކުގައި ވާދަކުރާކަން ފާހަގަކުރެވެ އެވެ.









