މަރަކީ ކޮންމެ އިންސާނަކާވެސް ބައްދަލުކުރާނެ އެންމެ ބޮޑު ހަގީގަތް ކަމަށާއި، ދުނިޔޭގެ ކިތަންމެ ވަރުގަދަ ކިއްލާއެއްގެ ތެރޭގައި ހުރި ނަމަވެސް މަރުން ސަލާމަތްނުވެވޭނެކަމުގެ މެސެޖު މިއަދުގެ ހުކުރު ހުތުބާގައި ދީފި އެވެ.
މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުތުބާ ބިނާކޮށްފައިވަނީ މަރަށް ތައްޔާރުވުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މަރަކީ އެއްވެސް މީހަކަށް އޭގެ މެދުގައި ހިލާފުވެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން މާތް الله ސުބުހާނަހޫ ވަތައާލާ މަރަށް "ޔަގީން" ގެ ނަމުން ނަންދެއްވާފައިވާކަން ހުތުބާގައި ފާހަގަކުރި އެވެ. އަދި ދުނިޔޭގެ ލައްޒަތާއި، މުދަލާއި، އަނބިދަރިންނާއި، ވިޔަފާރިތައް ދޫކޮށް ވަކިވާންޖެހޭ ވަގުތަކީ އާދައިގެ ވަގުތެއް ނޫންކަމަށާއި، އެއީ އިންސާނަކަށް ކުރިމަތިލާންޖެހޭނެ އެންމެ ވޭންދެނިވި ވަގުތުކަންވެސް ހަނދާންކޮށްދީފައިވެ އެވެ.
މަރުގެ ވަގުތާ ބެހޭގޮތުން ވާހަކަދައްކަމުން ހުތުބާގައި ބުނީ، އެ ވަގުތަކީ ތިމާގެ ގާތްތިމާގެ މީހުންނާއި އެކުވެރިން އަވަސް ޝިފާއަކަށް އެދި ދުއާކޮށް، ސިއްހީ އެންމެހައި ވަސީލަތްތަކެއް ބޭނުންކޮށްގެން ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރާނެ ވަގުތެއް ކަމަށެވެ. ނަމަވެސް މަރުގެ ސަކަރާތް އައުމުން އެކަމުން ފިލައިގެން ދެވޭނެ އެއްވެސް މަގެއް ނޯންނާނެކަމަށް ކީރިތި ގުރުއާނުގެ އާޔަތްތަކުން ދަލީލު ދައްކަމުން ހުތުބާގައި ބަޔާންކުރި އެވެ.
"ލައްޒަތްތަކުން މަހުރޫމުކުރުވާ، މަރުގެ މަތިން ތިޔަބައިމީހުން ގިނަގިނައިން ހަނދުމަކުރާށެވެ!" ރަސޫލާ ﷺ ގެ ހަދީޘްބަސްފުޅެއްގެ މާނަ ހިމަނަމުން ހުތުބާގައި ބުންޏެވެ. އަދި ރަސޫލާ ﷺ ކަށްވަޅެއްގެ ކައިރީގައި އިންނަވައި ކީރިތިކުރައްވައި، "މި ދުވަހަށް ތިޔަބައިމީހުން ތައްޔާރުވާށެވެ" މިފަދައިން ސަހާބީންނަށް ދެއްވި އިރުޝާދުވެސް ހުތުބާގައި ހަނދާންކޮށްދިނެވެ.
މީގެ އިތުރުން، މަރަކީ މީހެއްގެ މުއްސަނދިކަމަކަށް، ބާރަކަށް ނުވަތަ އުމުރަކަށް ބަލާނެ ކަމެއް ނޫންކަން ފާހަގަކުރި އެވެ. ދުނިޔޭގެ ރަސްރަސްކަލުންގެ ގަނޑުވަރުތަކަށް މަލަކުލް މައުތު ވަދެވަޑައިގަންނަވާނީ އެއްވެސް ހުއްދައަކާ ނުލައި ކަމަށާއި، ކިތަންމެ އުސް ކިއްލާއެއްގެ ތެރޭގައި ހުއްޓަސް މަރު އައިސް އަތުލާނެކަން ހުތުބާގައި ހަނދާންކޮށްދިނެވެ.
ހުތުބާ ނިންމާލަމުން ވަނީ މާތް الله އަށް ތަގުވާވެރިވުމަށް ވަަސިއްޔަތްކޮށް، މަރު އައުމުގެ ކުރިން ހެޔޮ އަމަލުތައް ގިނަކުރުމަށް އެންމެހައި މުސްލިމުންނަށް ގޮވާލާފަ އެވެ. އަދި އަޅަމެންގެ މަރުމަތި އަމާންކުރައްވައި، ހެޔޮ ނިމުމެއް މިންވަރުކުރެއްވުމަށް އެދި ދުއާކޮށްފައިވެ އެވެ.









