ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަކީ ހުޅުދޫގެ ތާރީހުގައި ނެގޭނެ އެންމެ މުހިންމު ވޯޓު ކަމަށް ހުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.
ހުޅުދޫގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރައްވައި މެންބަރު ޝާހިދު ވިދާޅުވީ، ފާއިތުވި 15 ވަރަކަށް އަހަރު ހުޅުދޫގެ ރައްޔިތުން ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަމުން މަހުރޫމުވެފައި ވަނިކޮށް، ރައްޔިތުންގެ އަޑު ގާތުން އައްސަވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހުޅުދޫއަށް ވަކި ކައުންސިލެއް ކަށަވަރުކޮށްދެއްވާފައި ކަމަށެވެ. އަދި އަލަށް އުފެދޭ މި ކައުންސިލާމެދު ރައްޔިތުންގެ ފޮނި އުއްމީދުތަކެއް ހުރިއިރު، ރައްޔިތުންނަށް އެދެވޭ ނަތީޖާއެއް ނެރެދޭނެ ކައުންސިލެއް އުފެދުމަކީ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން އެންމެ ބޮޑު އެދުން ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމުގެ އަސްލު ބޭނުމަކީ ރަށުގެ ހިދުމަތްތައް ރައްޔިތުންގެ އެދުމާ އެއްގޮތަށް ގާތުން މަޝްވަރާ ކުރެވިގެން ފޯރުކޮށްދިނުމެވެ. އަދި މި ސަރުކާރަކީ ކައުންސިލްތައް ބާރުވެރިކުރުވައި، ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ހަރުދަނާކުރަން މަސައްކަތްކުރާ ސަރުކާރެއް ނަމަވެސް، އިދިކޮޅު ފަރާތްތަކުން ފެންނަނީ ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރާ ކަންކަމަށް ފާޅުގައި ހުރަސްއަޅައި، ޒިންމާދާރުކަން ކުޑަގޮތަކަށް ސިޔާސީ މަސައްކަތް ކުރާތަން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
މީގެ މިސާލެއްގެ ގޮތުން ޝާހިދު ފާހަގަކުރެއްވީ، ހުޅުދޫއަށް އިދާރީ މިނިވަންކަން ހޯދައިދިނުމަށް އެމް.ޑީ.ޕީ އިން ދެކޮޅު ހެދި މަންޒަރެވެ. އަދި މިހާރު އޮތް އައްޑޫ ސިޓީ ކައުންސިލުންވެސް އެފަދަ ގޮތަކަށް އަމަލުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ރައީސްގެ ވައުދުފުޅުގެ ދަށުން ސަބްސިޑައިޒް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށް ހުޅުދޫގައި އެފް.އެސް.އެމްގެ ޝެޑެއް ހެދުމަށް ބޭނުންވާ ބިން ހޯދުމަށް މަސައްކަތް ކުރާތާ 8 މަސް ވެގެންދިޔައިރުވެސް، ސިޓީ ކައުންސިލުން އެ ބިން ހަވާލުކޮށްފައި ނުވާކަން ޝާހިދު ހާމަކުރެއްވި އެވެ.
މެންބަރު އިތުރަށް ވިދާޅުވީ، ފޮރުވިފައިވާ ސިޔާސީ އެޖެންޑާއެއްގެ ދަށުން މަސައްކަތްކުރާ ކައުންސިލެއް އޮތުމުގެ ނޭދެވޭ އަސަރު ކުރާނީ ސީދާ ރައްޔިތުންނަށް ކަމަށެވެ. އަދި ސަރުކާރުގެ މަޝްރޫއުތަކަށް ބުރޫއަރައި، ހިދުމަތްތައް މަޑުޖެހިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑަކީ އަބަދުވެސް ވަކި ފިކުރަކަށް ބެލުމެއްނެތި ރައްޔިތުންގެ ލާބައަށްޓަކައި ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ މީހެއް،" ޝާހިދު ވިދާޅުވި އެވެ. އޭނާ ވަނީ ކުރިއަށް އޮތް އިންތިހާބުގައި ޕީ.އެން.ސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައި، ހުޅުދޫގެ މުސްތަގުބަލަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި "ފެންނަ ކަމަށް" ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ.










