ބޮޑުތަކުރުފާނުމަގު ހެންވޭރު ފެރީ ޓަރމިނަލްއާއި ހަމައިން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަޙައްދު ތަރައްގީކުރުމުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމުމަށް އަމާޒުހިފާފަވާކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ މިއަދު އެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އެ ސަރަހައްދަށް ޒިޔާރަތްކުރައްވާފައެވެ.
މި މަޝްރޫޢުގެ ފޭސް 1 ގެ ދަށުން މިވަގުތު މަސައްކަތް ކުރިއަށްދަނީ ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން މަސްވެރިންގެ ޕާކާއި ހަމައަށް އޮތް ސަރަހައްދުގައެވެ. ވަޒީރު ޑރ. މުއްތަލިބް ވިދާޅުވި ގޮތުގައި، މި މަސައްކަތުގެ ދަށުން އެ ސަރަހައްދުގެ އެއްގަމު ތޮށި 6 މީޓަރު ބޭރަށް ޖައްސާ މަގު ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ޔުޓިލިޓީ ވިއުގައިގެ މަސައްކަތްތައްވެސް ބާރުސްޕީޑުގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ހެންވޭރު ޓާމިނަލްއިން ފަށައިގެން، މަސްވެރިންގެ ޕާކާއި ހަމައަށް މި ސަރަހައްދުގެ މަސައްކަތް 1 މަސްތެރޭގައި ނިންމުން އަމާޒަކީ. އަދި އިއްޒުއްދީން ފާލަމާހަމައަށް 3 މަސްތެރޭ، ޖޫން ގެ ނިޔަލަށް ނިންމުން،" މުއްތަލިބު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން ސިޓީ ގަރޑަން ކުރިމަތިން އޮންނަ ސަރަހައްދުގައި 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއް ތަރައްގީކޮށް، އުޅަނދުތަކަށް ކައިރިކުރެވޭ ގޮތަށް ވަށައިގެން ކީވޯލް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
މި މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވީ، މަގުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް އިމާރާތްކުރުމާ ބެހޭ ވުޒާރާއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެ ސަރަހައްދަކީ އޮފީސްތައް ގިނަ އަދި ގޯޅިތައް ހަނި ސަރަހައްދަކަށް ވުމުން ބައެއް ގޮންޖެހުންތައް ހުރި ނަމަވެސް، އާންމުންގެ އެއްބާރުލުމާއެކު މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް އޮތް 90 މީޓަރުގެ ސަރަހައްދާއި، އިއްޒުއްދީން ފާލަމާ ހަމައަށް އޮތް 700 މީޓަރުގެ ސަރަހައްދު ހިމެނޭހެން ޖުމުލަ 610 މީޓަރުގެ އެއްގަމު ތޮށި އައުކޮށް ތަރައްގީކުރެވޭނެއެވެ. ސަރުކާރުގެ އަމާޒަކީ ކަނޑައެޅިފައިވާ ތާރީހަށް މި މަސައްކަތް ނިންމާ އާންމުންނަށް ބޭނުންކުރެވޭނެ ގޮތް ހެދުމެވެ.










