މާލޭގެ މޭޔަރު ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލް، އޭނާއަކީ މުރާލި އަދި ގައުމާއި ރައްޔިތުން އިސްކުރައްވާނެ ބޭފުޅެއް ކަމަށް ވިދާޅުވެ، މާލެއަށް ގެންނަވަން ބޭނުންފުޅުވާ ބަދަލުތައް ހިއްސާކުރައްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ޖަލީލް ވަނީ ހިދުމަތުގެ ދިގު ތާރީހާއި މާލެއަށް ގެންނަވާނެ ހެޔޮ ބަދަލުތަކުގެ ތަފުސީލު ދެއްވައިފަ އެވެ.
ޖަލީލް ވިދާޅުވީ 1984 ވަނަ އަހަރު މާލޭގެ މަގުތައް ހެދުމަށް ބޭނުންވި އަކިރި ބަސްތާތަކާއި ގާ ބަސްތާތައް އޭނާގެ ކޮނޑުގައި އުފުއްލެވި ކަމަށާއި 1987 ވަނަ އަހަރު މާލެއަށް އެރި ބޮޑު ރާޅުގައި ގެއްލުން ލިބުނު ރައްޔިތުންގެ ދަތިތައް ފިލުވައިދެއްވުމުގައި ބުރަ އުފުއްލެވި ކަމަށެވެ.
އެމްއެންޑީއެފްގައި ހިދުމަތް ކުރެއްވި ދިގު ތާރީހަށް އިޝާރާތް ކުރައްވައި ޖަލީލް ވިދާޅުވީ ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގައި ރައްޔިތުންގެ ފުރާނައާއި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި އޭނާގެ މޭ އައްޑަނައަކަށް ދިއްކުރެއްވި ކަމަށެވެ.
"ކުރުކޮށް ދަންނަވާނަމަ، އަޅުގަނޑަކީ އެއްވެސް އިރެއްގައި ހިދުމަތުގެ ހަވާސާގައި ހުރި މީހަކީމެއް ނޫން. އަޅުގަނޑުގެ މިޒާޖަކީ މުރާލިކަން. ގައުމާއި ރައްޔިތުން އިސްކުރުން. ފަހަރެއްގައި ވެސް އަޅުގަނޑަކީ ކަންނުވެ ނަންވީ މީހެއް ނޫން،" ކުރިން ޑިފެންސް މިނިސްޓަރު ކަމާއި ޑިފެންސް ޗީފްކަން ކުރެއްވި ޖަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޕްރޮފައިލާ އެކު އަލުން ވަޑައިގެންނެވީ ހިދުމަތް ކުރެއްވުމުގެ ރޫހުގައި ކަމަށެވެ.
މާލެ ސަރަހައްދުގެ ބޮޑު މާސްޓާ ޕްލޭނެއް އެބަ އޮތް ކަމަށް ވިދާޅުވެ، ޖަލީލް ފާހަގަކުރެއްވީ ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު، ގިރާވަރުފަޅު އަދި ރަސްމާލެ ހިމެނޭ ގޮތަށް ރާއްޖެ ދުވަހަކު ނުދެކޭ ފެންވަރުގެ އުމްރާނީ ތަރައްގީއެއް ކުރެވެމުންދާ ކަމެވެ. އެ މަޝްރޫއުތަކާ އެކު މާލެ ސަރަހައްދުގެ ޖިއޮގްރަފީ ބަދަލުވެ، ދަތުރުފަތުރާއި ވިޔަފާރި މުޅިން އެހެން ދަރަޖައެއްގައި ހިނގާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ރޭވި ހިދުމަތްތަކަށް މާލެ ސިޓީ ކައުންސިލުން އެއްބާރުލުން ނުދިނުމުގެ ނަތީޖާ ރައްޔިތުންނަށް ކުރި ކަމަށް ޖަލީލް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކައުންސިލާއި މޭޔަރު ވާން ޖެހެނީ އަމިއްލަ ޖަޒުބާތަށް ވުރެ ރައްޔިތުންގެ ވޭންތަކަށް އިހުސާންތެރި ބަޔަކަށް ކަމަށެވެ.
"މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ބިންވެރިކަން ކަށަވަރުކޮށްދިނުމުގައި ސަރުކާރަށާއި ރައްޔިތުންނަށް ފުރިހަމައަށް އެއްބާރުލުންދީ އިސްވެ އެކަމުގައި ހަރަކާތްތެރިވުމަކީ އަޅުގަނޑުގެ އަޒުމް،" ޖަލީލް ވިދާޅުވި އެވެ.
ބޯހިޔާވަހިކަމަށް ފަހު މާލޭގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ މަގުތަކުގެ ހާލަތު ކަމަށް ފާހަގަކުރައްވައި، ޖަލީލް ވިދާޅުވީ އެކަން ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. ހަނި ގޯޅިތަކާއި ކަންމަތިތަކުގައި ވެހިކަލް ޕާކުކުރުމުން ކުރިމަތިވާ ދަތިތަކަށް ސަރުކާރާ ގުޅިގެން ހެޔޮ ބަދަލެއް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.
ޗާލު މާލެ ކޮންސެޕްޓުގެ ދަށުން ތަރައްގީކުރި ޕާކުތައް ސިޓީ ކައުންސިލުން ޒިންމާ އަދާނުކުރުމުގެ ސަބަބުން ވީރާނާވެފައިވާ ކަމަށް ވިދާޅުވެ، ޖަލީލް ވައުދުވެވަޑައިގެންނެވީ މޭޔަރުކަން ލިބިވަޑައިގެންފި ނަމަ އެކަމަށް ހައްލެއް ގެންނަވާނެ ކަމަށެވެ.
ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންނަކީ މުޖުތަމައުގައި އިހުތިރާމާއި އިތުބާރު ލިބޭ ބަޔަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޖަލީލް ވިދާޅުވި އެވެ. ހަމައެއާ އެކު މާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ އިސްރަށްވެހިންނަކީ ވެސް މުޖުތަމައުއަށް މުހިއްމު ބައެއް ކަމަށް ފާހަގަކުރެއްވި އެވެ.
ޖަލީލް ވިދާޅުވީ އޭނާ އިންތިހާބުވެއްޖެ ނަމަ މަސައްކަތް ކުރައްވާނީ ރައީސް މުއިއްޒުގެ ތަސައްވުރު ހުރިހާ ރޮނގަކުން ހަގީގަތަކަށް ހައްދަވައިދެއްވުމަށް ކަމަށެވެ.
"މި އެޕްރީލް 4 ވަނަ ދުވަހު ބޭއްވޭ އިންތިހާބުގައި މާލެ ސިޓީގެ މޭޔަރަކަށް އަޅުގަނޑު ހޮވައިދިނުމަށް މާލެ ސިޓީއަށް ނިސްބަތްވާ ހަމަ ލޮބުވެތި ކޮންމެ ރައްޔިތެއްގެ އަރިހުން އަޅުގަނޑު އެދެން،" ޖަލީލް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބާ އެކު، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ވެސް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.










