ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން 2-1 އިން މޮޅުވެ، ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް އެންމެ ޒުވާން ކޯޗު ފޭބިއަން ހެޒްލާގެ އިރުޝާދުގެ ދަށުން ސީޒަނުގެ ފެށުން ބްރައިޓަންއިން ރަނގަޅު ކޮށްފިއެވެ.
ސީޒަންގެ ފުރަތަމަ މެޗުގައި އެވަޓަން އަތުން 3-0 އިން ބްރައިޓަން މޮޅުވިއިރު، ރޭ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ދެޓީމުވެސް އެއްވަރަކަށް ކުޅުމާއެކު ނަމަވެސް މެޗުގެ 32 ވަނަ މިނެޓްގައި ބްރައިޓަންއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ޖަހައިދިނީ ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިޔާ ޑެނީ ވެލްބެކް އެވެ. އޭނާގެ ކުރީގެ ކްލަބު ކޮޅަށް ބޮލުން ޖަހައި ކާމިޔާބުކުރި ގޯލަކީ ކެރިއަރުގައި ޖެހި 100 ވަނަ ގޯލެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކުރުމަށް 4 ފުރުސަތު ލިބުނުއިރު މެޗުގެ 60 ވަނަ މިނެޓުގައި އަމާދު ޑިއާލޯ ނަތީޖާ އެއްވަރުކޮށްދިނެވެ. އޭގެފަހުން މެޗުގެ 73 ވަނަ މިނެޓްގައި ޔުނައިޓެޑުން އިތުރު ގޯލެއް ޖެހިއެެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު އަލެޖެންޑްރޯ ގާނާޗޯގެ ގޯލު އޮފްސައިޑް ކަމަށް ނިންމިއެވެ.
ބްރައިޓަން އަށް 3 ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ 90 މިނެޓުގެ ކުޅުން ހަމަވެ ދެއްކި އިތުރު މިނެޓް ފަސްމިނެޓުގެ ތެރޭގައެވެ. ޕެޑްރޯ ވަނީ މިގޯލު ޖެހީ ސިމޯން އަޑިންގްރާގެ ހުރަހަކުން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ދެން އޮތީ އުނދަގޫ މެޗެކެވެ. ސެމްޓެމްބަރު 1ގައި އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް އުނދަގޫ އިމްތިހާނެއް ކުރިމަތިވެފައިވާއިރު، ބްރައިޓަން އިން ނުކުންނާނީ މިމަހުގެ 31 ގައި އާސެނަލްއާ ދެކޮޅަށެވެ. އޭގެކުރިން އިންގްލިޝް ފުޓްބޯޅަ ލީގުގައި ބްރައިޓަން ކުޅޭނެއެވެ.









