ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު، "ރަސްމާލެ" އިން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ މި ފުރުސަތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 1,250 އަކަފޫޓުގެ ގޯތިތަކެވެ. މި ގޯތިތައް ދޫކުރަނީ މިދިޔަ މަހު ގެޒެޓުކޮށްފައިވާ "ބިންވެރިޔާ" ސްކީމްގެ އައު އުސޫލުގެ ދަށުންނެވެ.
މި ފަހަރު ހުޅުވާލި އުސޫލުގައިވާ ގޮތުން، ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބިފައިވާ ފަރާތްތަކުން އެ ގޯތި ދޫކޮށްލަން އެއްބަސްވާނަމަ، އެ މީހުންނަށް ވަކިވަކިން ގޯތި ލިބޭނެ މަގު ވަނީ ފަހިކޮށްދީފަ އެވެ. މީގެ އިތުރުން، ކުރީގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން މީގެ ކުރިން ކުރިމަތިނުލެވުނު ފަރާތްތަކަށް ވެސް މިފަހަރު ގޯއްޗަށް އެދި ހުށަހެޅޭނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން، އައު އުސޫލުގައި ވަނީ ދެމަފިރިންގެ ތެރެއިން އެކަކަށް ގޯއްޗެއް ލިބިފައިވީ ނަމަވެސް އަނެކާއަށް ކުރިމަތިލެވޭ ގޮތަށް ކެޓަގަރީއެއް އިތުރުކޮށްފަ އެވެ.
މި ސްކީމަށް ކުރިމަތިލާއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ކައިވެނީގެ ސެޓްފިކެޓާއި، އަމިއްލަ ނަމުގައި ބިމެއް ނުވަތަ ފްލެޓެއް އޮތްނަމަ އެކަމުގެ ރަޖިސްޓްރީއާއި އިގުރާރު ހިމެނެ އެވެ. އަދި މާލޭގެ ރަށްވެހިންކަން ސާބިތުކޮށްދޭ ރަޖިސްޓްރީ ފަދަ ލިޔުންތައް ވެސް ހުށަހަޅަންޖެހެ އެވެ.
ރަސްމާލެ މަޝްރޫއަކީ ރައީސް މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފުށިދިއްގަރުފަޅުގައި ފަށާފައިވާ އިންގިލާބީ މަޝްރޫއެކެވެ. 2023 ޑިސެމްބަރުގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން 1,009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އެ ބިމުން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމަވާފަ އެވެ. "އިކޯ ސިޓީ" އެއްގެ ގޮތުގައި ތަރައްގީކުރާ ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރެވެ އެވެ.









