ރަޝިޔާގެ ފެޑަރަލް ސެކިއުރިޓީ ސާވިސް (އެފް.އެސް.ބީ) އިން ޖާސޫސްކުރިކަމުގެ ތުހުމަތުކުރުމާ ގުޅިގެން، ރަޝިޔާގައި ހުންނަ އިނގިރޭސި އެމްބަސީގެ އިސް ޑިޕްލޮމޭޓަކު އެ ގައުމުން ބޭރުކޮށްލުމަށް ރަޝިޔާ ސަރުކާރުން ނިންމައިފިއެވެ.
ޖާސޫސް ކޮށްފައިވާ މީހަކީ މޮސްކޯގައި ހުންނަ އިނގިރޭސި އެމްބަސީގައި މަސައްކަތްކުރާ ސެކަމްޑް ސެކެޓްރީ އެޑްވަަޑް ނަމަކަށް ކިޔާ ޑިޕްލޮމޭޓެކެވެ. ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ޑިޕްލޮމޭޓް ވަނީ އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާ ޚިލާފަށް، ރަޝިޔާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޖާސޫސީ ހަރަކާތްތަކެއް ހިންގާފައެވެ.
އެފް.އެސް.ބީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެޑްވަަޑް ޕްރަޔާ ރަޝިޔާއަށް އެތެރެވުމަށް ހުށަހެޅި ލިޔެކިޔުންތަކުގައި އޭނާގެ ވަނަވަރު އޮޅުވާލާފައިވާ ކަމަށެވެ. އަދި އޭނާއަކީ އިނގިރޭސި ޚާރިޖީ ވުޒާރާގެ ނަމުގައި ރަޝިޔާގައި ޖާސޫސީ މަސައްކަތްކުރާ މީހެއް ކަމަށްވެސް އެ އިދާރާއިން ތުހުމަތުކޮށްފައިވެއެވެ.
ރަޝިޔާއިން ވަނީ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެ ޑިޕްލޮމޭޓް ގައުމުން ބޭރުވުމަށް އަމުރުކޮށްފައެވެ.
މި ހާދިސާއަކީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިޔާއާއި ހުޅަނގުގެ ގައުމުތަކުގެ މެދުގައި، ޚާއްޞަކޮށް އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި ހިނގި ކަމެކެވެ. އިނގިރޭސި ޚާރިޖީ ވުޒާރާއިން މި ތުހުމަތުތައް ދޮގުކުރި ނަމަވެސް، ރަޝިޔާއިން ބުނަމުންދަނީ އެ ގައުމުގެ ސަލާމަތަށް ނުރައްކާވާ އެއްވެސް އަމަލަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.
ފާއިތުވި މަސްތަކުގައިވެސް މިފަދަ ޖާސޫސީ ތުހުމަތުތަކުގައި ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމޭޓުން ބޭރުކުރުމުގެ ސިލްސިލާ ހަރަކާތްތަކެއް ވަނީ ހިނގާފައެވެ.










