އީރާނާއި އިޒްރޭލާއި ދެމެދު ކުރަމުން ގެންދާ ހަނގުރާމައިގައި އީރާނުގެ ފޯކަސް މިހާރު ހުރީ އިޒުރޭލުގެ ނިއުކްލިއާ މަރުކަޒުތަކަށް ކަމަށް ބުނެފިއެވެ. އިޒްރޭލުގެ ނިއުކްލިއާ ސިޓީއެއްގެ ގޮތުގައި ބެލެވޭ ސަރަހައްދު މިހާރު ވަނީ މި ހަނގުރާމައިގެ މައިގަނޑު އަމާޒަކަށް ވެފައެވެ.
މިހާތަނަށް ދެފަރާތުގެ މެދުގައި ބަދަލުކުރެވުނު ޙަމަލާތަކަށް ބަލާއިރު، އީރާނުން ވަނީ އިޒްރޭލުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް 300 އަށްވުރެ ގިނަ ޑްރޯން އަދި މިސައިލް ޙަމަލާ ފޮނުވާލާފައެވެ. މީގެ ތެރޭގައި ބަލިސްޓިކް މިސައިލާއި ކްރޫޒް މިސައިލް ހިމެނޭއިރު، މިއީ ފަހުގެ ތާރީޚެއްގައި އިޒްރޭލަށް އަމާޒުވި އެންމެ ވަރުގަދަ އެއް ޙަމަލާއެވެ.
މި ޙަމަލާތަކާ ގުޅިގެން އިޒްރޭލުން ލިބުނު ގެއްލުންތަކުގެ ތަފާސްހިސާބު ޢާންމުކުރުން ވަނީ ހުއްޓާލާފައެވެ. އަދި ޙަމަލާތައް އަމާޒުވާ ތަންތަނުގެ ސާފު މަޢުލޫމާތު ވެސް ޢާންމުކުރުން ވަނީ މަނާ ކޮށްފައެވެ.
އިޒްރޭލުގައި ބޮޑު ދެނިއުކްލިއާ މަރުކަޒެއް ހުރެއެވެ. އެއީ ނެގެވް ސަހަރާގައި ހުންނަ ޑިމޯނާ ނިއުކްލިއާ ރިއެކްޓަރާއި، ސޮރެގް ނިއުކްލިއާ ރިސާޗް ސެންޓަރެވެ. މި ފަހުގެ ހަމަލާތަކުގައި އީރާނުން ވަނީ ޑިމޯނާ ފެސިލިޓި އަށް ޙަމަލާ ދީފައެވެ.
އިޒްރޭލުގެ ނިއުކްލިއާ މަރުކަޒަކަށް އަމާޒުކޮށް ފޮނުވާލި 3 މިސައިލެއް ވަނީ އެ ސަރަހައްދުގެ ދިފާއީ ނިޒާމު ފޫއަޅުވާލުމަށްފަހު ނިއުކްލިއާ ރިއެކްޓަރަށް ޙަމަލާ ދީފައެވެ. އިޒުރޭލުން ބުނީ މާ ބޮޑު ގެއްލުމެއް ނުލިބޭ ކަމަށެވެ.










