އިރާނަށް ހަމަލާ ނުދޭށޭ ބުނެ، އެކަމާއި ދެކޮޅު ހަދާ މީހުން ހައްޔަރުކުރުމުގެ މަސައްކަތް އިޒުރޭލުން ފަށައިފިއެވެ. ހަބަރުތައް ބުނާ ގޮތުގައި މިހާތަނަށް އެކަމާއި ދެކޮޅު ހެދި 18 މީހަކު އިޒުރޭލުގެ އެކި ތަންތަނުން ވަނީ ހައްޔަރު ކޮށްފައެވެ.
އިޒުރޭލުން އީރާނަށް ޙަމަލާ ދޭތީވެ ރައްދުގައި އީރާނުން ވެސް ގެންދަނީ ޙަމަލާ ދެމުންނެވެ.
މި ކަންކަމާއި ދެކޮޅަށް އިޒުރޭލުގެ އެކި ހިސާބުތަކުގައި ދަނީ މުޒާހަރާ ވެސް ކުރަމުންނެވެ. މި މުޒާހަރާތައް އިންތިޒާމުކުރި ފަރާތްތަކުން ބުނަނީ، އީރާނާއެކު ކުރާ ހަނގުރާމައިގެ ސަބަބުން އިޒްރޭލުގެ ރައްޔިތުންގެ ފުރާނައަށް ނުރައްކާވެ، އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއްވަމުންދާ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ސިޔާސީ މަންފާއެއް ހޯދުމަށް ހަނގުރާމަ ދިގުދަންމަން ކަމަށްވެސް އެފަރާތްތަކުން ތުހުމަތުކުރެއެވެ.
އީރާނާއި އިޒްރޭލާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެ، ދެގައުމުގެ ދެމެދުގައި ސީދާ އަސްކަރީ ކުރިމަތިލުންތަކެއް ހިނގަމުންދާ މި ދަނޑިވަޅުގައި، އިޒްރޭލުގެ އެތެރޭގައި ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތައް ވަނީ ފަހަކަށް އައިސް އިތުރުވެފައެވެ.










