ރައްޔިތުންގެ އެދުމުގެ މަތިން ފެންނަ ނުފެންނަ ވޯޓާ ގުޅޭ ގާނޫނީ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ފުންނާބު އުސް ގާނޫނީ ވަކީލުންނާއެކު އައްޑޫ ސިޓީގައި ހާއްސަ ކެމްޕައިން ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.
އައްޑޫ ސިޓީގައި ބޭއްވޭ ކެމްޕައިން ހަރަކާތުގައި ރައްޔިތުންނަށް މުހާތަބުކޮށް މައުލޫމާތު ފޯރުކޮށްދެއްވުމަށް ވަޑައިގަންނަވާނީ ކުރީގެ ބަންޑާރަނައިބު އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝުކޫރު އަދި އަލްއުސްތާޒާ ފާތިމަތު ދިޔާނާ ސައީދު އެވެ.
މާދަމާ ބޭއްވުމަށް ތާވަލުކޮށްފައުވާ އެ ހަރަކާތަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ބާއްވާ މި ހަރަކާތްތެކެވެ.
އެ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫގެ އެކި ހިސާބުތަކަށް އެކި ވަގުތުތަކުގައި ތާވަލުކޮށްގެންނެވެ. އެގޮތުން އައްޑޫ ސިޓީ މަރަދޫ ފޭދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބާއްވާ އިވެންޓް އޮންނާނީ މާދަމާ ހެނދުނު 10:00 ގައި ފޭދޫ ކަސްޓަމްސް އޮޑިޓޯރިއަމްގައެވެ. އަދި ހިތަދޫ ރައްޔިތުންނަށް ހާއްސަކޮށްގެން ބާއްވާ ބައްދަލުވުން އޮންނާނީ މާދަމާ މެންދުރުފަހު 14:00 ގައި، ހިތަދޫ ގައެވެ. އޭގެ އިތުރުން ހުޅުމީދޫގެ ރައްޔިތުންނަށް ހާއްސަ އިވެންޓް އޮންނާނީ މާދަމާރޭ ހުޅުމީދޫގައެވެ.
ޕީއެންސީއިން ބުނީ މި ބޭއްވޭ ކެމްޕެއިން ހަރަކާތުގެ މައިގަނޑު މަގުސަދަކީ އިންތިހާބުތަކާ ގުޅިގެން ކުރިއަށްދާ ފެންނަ ނުފެންނަ ވޯޓުގެ ގާނޫނީ އިޖުރާއަތްތަކާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ތަސައްލީއެއް ގާނޫނީ މާހިރުންގެ އެހީތެރިކަމާއެކު ލިއްބައިދިނުމެވެ. އަދި އެ ޕާޓީއިން އެދެނީ ވީހާވެސް ގިނަ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވެވަޑައިންދެއްވުމަށެވެ.









