ގދ. ފަރެސްމާތޮޑާ ބިންހިއްކުމާއި، ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފްއެވެ. މިކަމަށްޓަކައި ފަރެސްމާތޮޑާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދު، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު، އެ ރަށު ކައުންސިލުގެ ރައީސް އަހްމަދު އިމްތިޔާޒް އަދި އެމް.ޓީ.ސީ.ސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫއަކީ ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެގޮތުން ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަސްތެރޭގަ އެވެ. 142.67 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން 18 ހެކްޓަރުގެ ބިން ހިއްކުމާއި، 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 270 ދުވަހުގެ މުއްދަތެކެވެ.
މީގެ އިތުރުން، ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއު އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ މާޗު މަސްތެރޭގަ އެވެ. 209.43 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ 780 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
މި މަޝްރޫއުތަކަކީ ފަރެސްމާތޮޑާގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި، ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.









