ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކޮށްފައިވާ މައްސަލައެއްގައި ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި ހިނގާ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. މައްސަލަ ހުށަހެޅުމާއެކު ފުލުހުން ކުރި މަސައްކަތުން ރަހީނުކޮށްފައި ހުރި މީހާ ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ފަސް މީހުންނަކީވެސް ބަންގްލަދޭޝް ރައްޔިތުންނެވެ. އެއީ 30 އަހަރުގެ އެމް.ޑީ ހޮސައިން، 34 އަހަރުގެ އެމް.ޑީ މެހެދި ހަސަން، 39 އަހަރުގެ އެމް.ޑީ ޝާ އަލަމް، 38 އަހަރުގެ ސާފިފް ހަސަން އަދި 20 އަހަރުގެ ރަސަލްއެވެ.

ފުލުހުން ބުނިގޮތުގައި، މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ އެންމެންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.