ޣައްޒާގެ ހަނގުރާމައިގައި ގެއްލުން ލިބުނު ކުޑަދިންނަށް އެހީތެރިވުމަށް ސްވިޑެންގެ ބިލިއަނަރު ރޮޖާ އެކެލިއަސް 800 މިލިއަން ސްވިޑެން ކްރޯނޯ (ގާތްގަނޑަކަށް 85 މިލިއަން ޑޮލަރު) އަށް ވުރެ ގިނަ ފައިސާ ހަދިޔާ ކޮށްފިއެވެ. އެކެލިއަސް ފައުންޑޭޝަން މެދުވެރިކޮށް އދ ގެ ޔުނިސެފާއި މި ފައިސާ ޙަވާލުކުރީ ޣައްޒާގެ ކުޑަކުދިންނަށް ބޭނުންވާ ތަޢުލީމާއި ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ރިޕޯޓްތައް ބުނާގޮތުން މި ހަދިޔާ އަކީ ޣައްޒާގައި ހިނގަމުންދާ އިންސާނީ އެހީތެރިކަމަށް ވަކި ފަރުދަކު މިހާތަނަށް ދިން އެންމެ ބޮޑު އެހީއެވެ.
ސްވިޑެންގެ އެކިއެކި ޖަމިއްޔާ ޖަމާޢަތްތަކުން މިހާތަނަށް ޣައްޒާ އަށް ގާތްގަނޑަކަށް 1.2 ބިލިއަން ކްރޯން ހަދިޔާ ކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.










