ކުޑަކުދިންގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ގެންގުޅުމާއި އެ ކުދިންނާއެކު ޖިންސީ އަމަލު ހިނގުމުގެ އިތުރުން ކުއްޖަކު ގްރޫމްކޮށް، އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ޓީވީއެމްގެ ޕްރޮޑިއުސަރެއް ހައްޔަރުކުށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ ގދ. ފިޔޯރީ، މޫސަލް މުއީން އެވެ. މޫސަލްއަކީ ޓީވީއެމްގައި ކުޑަކުދިންގެ ޝޯތައް ޕްރޮޑިއުސް ކުރަމުން އައި މީހެކެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައި ވަނީ ކުޑަކުއްޖެއްގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި އެ ކުއްޖާ ގްރޫމްކޮށް އެކްސްޕްލޮއިޓްކުރުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.

އޭގެ އިތުރުން ފުލުހުން ބުނި ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފަދަ ތަކެތި އެނާ އިލެކްޓްރޯނިކް ވަސީލަތްތަކުގައި ރައްކާކޮށް ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ހަމައެއާއެކު އެނާ ކުޑަކުދިންނާއެކު ޖިންސީ އަމަލު ހިންގާފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. އަދި މޫސަލްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ބަންދަށް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މޫސަލްގެ މައްޗަށް ގިނަ އަދަދެއްގެ ފިރިހެން ކުދިންނާއެކު ޖިންސީ ގުޅުންތައް ބާއްވާފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް 2026 މާޗު 25 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، އިތުރު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުުހުން ބުނީ ފުލުހުންގެ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.