ފުލުހުންގެ މުއައްސަސާގެ އެންމެ އިސް މަގާމު ކަމަށްވާ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ތިން ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މި މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު މެންދުރު 13:00 އަށް ވަނީ ހަމަވެފަ މުއްދަތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނަކީ:

  1. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ
  2. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ)
  3. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އިސްމާއިލް ނަވީން ކުއްލި ގޮތަކަށް މަގާމުން ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ. މިއީ މި ސަރުކާރުގެ ދައުރުގައި ޕޮލިސް ކޮމިޝަނަރަކު ރިޓަޔާ ކުރެއްވި ދެވަނަ ފަހަރެވެ. މީގެ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއުވެސް ވަނީ މަގާމުން ރިޓަޔާ ކުރައްވާފައެވެ.

މި މަގާމަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، ހޯމް މިނިސްޓްރީން ވަނީ އެ މުއްދަތު އިތުރުކޮށްފައެވެ. މި ވަގުތު ފުލުހުންގެ އިދާރާ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ. ގާނޫނު އޮންނަ ގޮތުން ކޮމިޝަނަރުގެ މަގާމު ހުސްވާ ހާލަތްތަކުގައި އެ މަސްއޫލިއްޔަތު އުފުއްލަވަން ޖެހެނީ ޑެޕިއުޓީ ކޮމިޝަނަރެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިހާރު ފުލުހުންގެ މުއައްސަސާގައި ޑެޕިއުޓީ ކޮމިޝަނަރުގެ ރޭންކުގައި ހުންނެވީ ހަމައެކަނި ފަރުހާދު ފިކުރީ އެވެ. އާ ކޮމިޝަނަރަކު އައްޔަންކުރުމުގެ މަރުހަލާ ދެން ކުރިއަށްދާނީ ކުރިމަތިލެއްވި އޮފިސަރުންގެ ތެރެއިން ޝަރުތު ހަމަވާ ބޭފުޅުން ޕޮލިސް ބޯޑުން އިވެލުއޭޓް ކުރުމަށްފަހުގައެވެ.