ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ ހަރުދަނާކުރުމަށްޓަކައި އުފައްދާ މައި ނެޓްވޯކްގެ ތެރެއަށް ރާއްޖޭގައި އަމިއްލަ ކުންފުނިތަކަށްވެސް ވަނުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރާއި ކުޅުދުއްފުށި ޕޯޓު އަދި އައްޑޫ ސިޓީ ވިޔަފާރި ބަނދަރު ލޮޖިސްޓިކަލީ ގުޅުވުމަށް ނެޓްވޯކެއް ގާއިމްކޮށްފައިވާ ކަމަށެވެ. މި ތިންތަނަކީ ވެސް ރާއްޖޭން ބޭރުން ގެންނަ މުދާ ލިބޭ ބަނދަރުތަކެވެ.
އިކޮނޮމިކް މިނިސްޓްރީގެ "އެންކާ" މަޝްރޫއުގެ ދަށުން ހަދާ މައި ލޮޖިސްޓިކް ނެޓްވޯކުގައި އަމިއްލަ ކުންފުނިތަކަށް ބައިވެރިވެވޭނެ ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވިއެވެ.
"މި ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑްރައި އަދި ވެޓް ސްޓޯރޭޖްތައް ގާއިމްކުރުމުގެ މަސައްކަތްތައް ކުރެވޭނެ."- އިކޮނޮމިކް މިނިސްޓަރު ސައީދު
އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ ނެޓްވޯކްގެ ހުރިހާ ކަމެއްް ބަލަހައްޓާނީ އެމްޕީއެލުންނެވެ. އަދި މިކަމުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު އެއް ފައިދާގެ ގޮތުގައި ފާހަގަ ކުރެއްވީ، ހަނގުރަމާއާ ގުޅިގެން ނުވަތަ އެއްނޫން ވެސް ދަތި ދަނޑިވަޅެއްގައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި އެއްވެސް ހުރަހަކާ ނުލާ ފޯރުކޮށް ދެވޭނެ މަގު ތަނަވަސްވުން ކަމުގައެވެ.










