އެސްޓީއޯ މެދުވެރިކޮށް ވިއްކާ ތެލުން ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކަށް މި ސަބްސިޑީ ދިނުމަށް ހަމަޖެހިފައިވަނީ ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ އުޅަނދުތަކަށްވެސް އެހީތެރިކަން ފޯރުކޮށްދޭ އުސޫލުގެ މަތިން ކަމަށެވެ.
މި ނިންމުމާއެކު، މިއަދުން ފެށިގެން އެފްއެސްއެމްގެ ހުޅުމާލެ ޓާމިނަލްގެ އިތުރުން ކ. ހިންމަފުށީގައި ހުންނަ އެފްއެސްއެމްގެ ޝެޑުން، ބޮޑުކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް ސަބްސިޑައިޒް ކުރެވިފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މަސްވެރި އުޅަނދުތަކަށް ވިއްކާ ތެލުން ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމެވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީއެވެ. މިކަމުގެ ސަބަބުން ދިވެހި މަސްވެރިންނަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
މީގެ އިތުރުން، މި ނިންމުން ނިންމާފައިވަނީ ބޮޑުކަންނެލި މަސްވެރިންގެ ޖަމިއްޔާތަކާއި ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ. ދުނިޔޭގެ އިގްތިސާދީ ހީނަރުކަމުގެ ތެރެއިން ރާއްޖޭގެ އިގްތިސާދީ ހާލަތު ކުރިއަރުވައި، ތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ސަރުކާރުން ދަނީ ގިނަގުނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.










