ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ރައްކާތެރި، އިތުބާރު ހުރި، އަދި ސާފު، އަގުހެޔޮ ބޯފެން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފެނުގެ ރައްކާތެރިކަމަކީ އަންހެނުންނާއި އަންހެން ކުދިންގެ ކަރާމާތާއި ރައްކާތެރިކަމާއި، އަދި އެކަނބަލުންނަށް ލިބިދޭންޖެހޭ ހަމަހަމަ ފުރުސަތުތަކާ ވަކިނުކުރެވޭނެ ފަދަ ގާތް ގުޅުމެއް އޮތް ކަމެއް ކަމަށެވެ. ރާއްޖެއަކީ ވަށައިގެން ކަނޑުއޮތް ޖަޒީރާ ގައުމަކަށްވުމުން، ސާފު އަދި ރައްކާތެރި ބޯފެން ކަށަވަރުކުރުމަކީ ގައުމީ ފެންވަރުގައި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މޫސުމީ ބަދަލުތަކާއި ފެނުގެ ސަޕްލައިއަށް ދިމާވާ އެކި މައްސަލަތަކުގެ ސަބަބުން ފެނަށް ދަތިވާ ހާލަތްތަކުގައި، އެ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި އަންހެނުންނާއި އަންހެން ކުދިން އުފުލަންޖެހޭ ބުރަ ބޮޑުކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން، ފެން ރައްކާތެރިކުރުމަށް މިހާރު ހުރި ނިޒާމުތައް ހަރުދަނާކުރުމާއި، ފެން ފަށަލަ ހިމާޔަތްކުރުމުގެ އިތުރުން، ކޮމިއުނިޓީ ފެންވަރުގައި ވާރޭފެން ރައްކާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އެކުލެވޭ ވިލުންވެރި ނިޒާމެއްގެ މުހިންމުކަން އެމަނިކުފާނުގެ މެސެޖުގައި ބަޔާންކުރައްވާފައިވެ އެވެ.
މީގެ އިތުރުން، މި ދާއިރާއިން ފަންނީ ގާބިލިއްޔަތު އިތުރުކުރުމާއި، 'ކްލައިމެޓް ފައިނޭންސިން' ކަށަވަރުކުރުމާއި، ބޯފެން ލޮނުވުމުގެ ހާދިސާތަކުގައި އަމަލުކުރާނޭ ކުއްލި ހާލަތުގެ ގަވާއިދުތަކުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ ފެނާ ގުޅުންހުރި ކަންކަމުގައި އަންހެނުން ބާރުވެރިކުރުވުމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރައްޔިތުން ބާރުވެރިވުމަކީ ރަށްރަށް ތަރައްގީވެ، ވިލުންވެރި މުޖުތަމައެއް ބިނާކުރުމުގެ މައިގަނޑު އަސާސެވެ. އަދި ސާފު ބޯފެން ކަށަވަރުވުމަކީ މުޖުތަމައުގައި ހަމަހަމަކަން ގާއިމުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސާފު ފެން ރައްކާތެރިކުރުމާއި، ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި ޖަމިއްޔާތަކާއި، މަދަނީ ޖަމާއަތްތަކާއި، ހިދުމަތް ދޭ ފަރާތްތަކުގެ އިތުރުން ތަރައްގީގެ ބައިވެރިން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމު ކަށަވަރުވުމަކީ ހުރިހާ ދިވެހިންނަށް އަމާން އަދި ހަމަހަމަ ކުރިމަގެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
ކޮންމެ އަހަރެއްގެ މާޗު މަހުގެ 22 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ފެނުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ފެން އަދި މިންތި" އެވެ.









