މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވައި އެމަނިކުފާނު އެންޑޯޒް ކުރައްވައިފި އެވެ.
މިއަދު ހެނދުނު މޫސާ އަލީ ޖަލީލާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އާދަމް މަނިކު ވިދާޅުވީ، މާލެއަށް ބޭނުންވާ ތަރައްޤީއާއި ކުރިއެރުން ހޯދައިދިނުމުގެ ގާބިލުކަން ހުރީ ސަރުކާރުގެ ކެންޑިޑޭޓުގެ ކިބައިގައި ކަމަށެވެ. މާލެއަށް އަޅާނުލެވި ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން އާދަމް މަނިކު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަން ކުރެއްވީ ވަރުގަދަ އެޖެންޑާއަކާ އެކުގައި ކަމަށެވެ.
އާދަމް މަނިކު އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒުގެ އެ އެޖެންޑާ އެންމެ ފުރިހަމައަށް ތަންފީޒުކުރައްވާނީ މޫސާ އަލީ ޖަލީލު ކަމަށާއި، އެހެންކަމުން މޫސާ އަލީ ޖަލީލަށް ދެއްވާ ވޯޓަކީ ސީދާ މާލެއަށް ދެއްވާ ވޯޓެއް ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގެ ފުރިހަމަ ގާބިލުކަން އަދުގެ ސަރުކާރުގައި އެބަހުރިކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އާދަމް މަނިކު ފާހަގަކުރެއްވި ގޮތުގައި، އޭނާގެ ސިޔާސީ ބާނީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވީނަމަވެސް، އެމަނިކުފާނުވެސް މިހާރު ހުންނެވީ އެމްޑީޕީން ބޭރުކޮށްލާފައެވެ. އޭނާ ވިދާޅުވީ ރައީސް ޑރ. މުޢިއްޒަކީ އޭނާ ވަރަށް އިތުބާރު ކުރައްވާ ބޭފުޅެއް ކަމަށާއި، ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންނާއި ފަހުންވެސް ގާތް ގުޅުމެއް ބާއްވަވާ ކަމަށެވެ.
ގައުމުގެ އިގްތިސާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން އާދަމް މަނިކު ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ބޮޑެތި ދަރަނިތަކަކީ ރައީސް މުޢިއްޒު އުފައްދަވައިގެން އުޅުއްވާ މައްސަލަތަކެއް ނޫން ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް މުޢިއްޒު ގޯސްކޮށް ކަމެއް ކުރެއްވި ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށާއި، ކޮވިޑްގެ ދުވަސްވަރު ފައިސާ ގެއްލުނު ފަދަ އެއްވެސް ކަމެއް މި ސަރުކާރުން ފެނިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސަރަނގު އާދަމް މަނިކަކީ މާލޭ ސިޓީ ކައުންސިލްގެ ފުރަތަމަ މޭޔަރުގެ އިތުރުން މާލޭ މުނިސިޕަލްޓީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. 2011 ވަނަ އަހަރު މޭޔަރުގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، އޭނާ ވަނީ ކައުންސިލް މެންބަރެއްގެ ގޮތުގައި ދައުރު ފުރިހަމަކުރައްވާފައެވެ. ކުރިން އެމްޑީޕީ އަދި ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީގައިވެސް އޭނާ ވަނީ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފަ އެވެ.









