މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން، ދެވަނަ ސެގްމަންޓުން ފެށިގެން ފަސްވަނަ ސެގްމަންޓާ ހަމައަށް އަމަލީ މަސައްކަތް ފެށުމަށްޓަކައި އެ ސަރަހައްދުގެ މަގުތައް ބަންދުކުރުމަށް އެމްޓީސީސީން ނިންމައިފި އެވެ.
މި މަޝްރޫއުގެ ފުރަތަމަ ފޭސްގެ މަސައްކަތް ނިންމައި މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، ޝިޓް ޕައިލް ކުރުމުގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން މިހާރު ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް މަގު ވަނީ ބަންދުކޮށްފަ އެވެ. އަދި މާދަމާއިން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން އިއްޒުއްދީން ޖެޓީއާ ހަމައަށް މަގު ބަންދުކޮށް، ފެންސު ޖެހުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެކުންފުނިން ބުންޏެވެ. އެވެ.
މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ބަހައްޓާފައި ހުރި އުޅަނދުތަކާއި އިސްތިހާރު ބޯޑު ފަދަ ތަކެތި ނެގުމަށް އާންމުންނަށް 24 ގަޑިއިރުގެ ފުރުސަތެއް ވަނީ ދީފައެވެ. މިގޮތުން މާދާމާ ހެނދުނު 9:00 އާ ހަމައަށް މި ތަކެތި ނެގުމަށް އެމްޓީސީސީން އިލްތިމާސްކުރެއެވެ.
މި މުއްދަތު ހަމަވުމަށްފަހު، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ދިވެހި ފުލުހުންގެ އިދާރާއާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.


ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި އެ ތަން މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. އަދި އެ މަގު ފުޅާކުރުމުގެ ސަބަބުން އެ ސަރަހައްދުގެ ތޮއްޖެހުން ވަނީ ވަރަށް ބޮޑަށް ހައްލުވެފަ އެވެ.
ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބޭރު މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެއީ 455 ދުވަސް ތެރޭ ނިންމަން ޖެހޭ މަޝްރޫއުއެކެވެ.








