ގދ. ވާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މި މަސައްކަތް ފެށީ މިމަހުގެ 17 ވަނަ ދުވަހުއެވެ. މި މަޝްރޫއަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
ވާދޫގެ މަގު ހެދުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. މި މަޝްރޫއުގެ ދަށުން ވާދޫގެ 6 މަގެއް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މަގުތަކުގައި ދުވާރު ހެދުމާއި، މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވަދު އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށުގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ވާދޫގެ އިތުރުން ގއ. ގެމަނަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތްވެސް މިމަހުގެ 18 ވަނަ ދުވަހު އާރުޑީސީން ވަނީ ފަށާފަ އެވެ.
ސަރުކާރުން ވިދާޅުވެފައިވަނީ ރަށްރަށުގެ މަގުތައް ތަރައްގީކުރުމުގައި އެއްވެސް ރަށެއްގައި ތާރު އެޅުމަށް މަޖުބޫރު ނުކުރައްވާނެ ކަމަށެވެ. ހާއްސަކޮށް ލޯކަލް ޓޫރިޒަމް ހިންގާ ރަށްރަށުގައި ވެލި މަގުތައް ބޭއްވުމަށް ބައެއް ކައުންސިލްތަކުން ބޭނުންވާކަން ސަރުކާރުން ފާހަގަކުރައްވައެވެ.
މިފަދަ ރަށްރަށުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ވެހިކަލްތަކާއި، މަގު މަރާމާތުކުރާނެ އާލާތްތައް ފޯރުކޮށްދީގެން، ރައްޔިތުން ބޭނުންވާ ގޮތަށް މަގުތަކުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.







