މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން، ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބައި މިލިއަން (500,000) ރުފިޔާ ހަދިޔާކުރުމަށްޓަކައި ހަވާލުކޮށްފި އެވެ.
މި ފައިސާ ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ހަވާލުކޮށްފައިވަނީ "އިސްރާ އެސޯސިއޭޝަން" އާ އެވެ. މިއީ އިސްރާއީލުގެ ރަހުމުކުޑަ ހަމަލާތަކުގެ ސަބަބުން ކާބޯތަކެއްޗަށް ޖެހިފައިވާ ޣައްޒާގެ އަހުލުވެރިންނަށް ދިވެހި ރައްޔިތުންގެ ފަރާތުން ފޯރުކޮށްދޭ މުހިންމު އެހީއެކެވެ.
މީގެ އިތުރުން، ރާއްޖޭގައި ދަތި ހާލުގައި އުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވެސް މިއަދު ވަނީ މުހިންމު ފިޔަވަޅެއް އަޅާފަ އެވެ. އެގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ އިޖުތިމާއީ ޓްރަސްޓް ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 423,749 ރުފިޔާ ވަނީ ރޭ އެ މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.
މި އެހީތަކަކީ ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އޭގެ ހައްގުވެރިންނަށާއި، އެހީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ދެވުނު އެހީތަކެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތުކޮށް، އެ ގައުމުގެ ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި އަހަރުގެ ރަމަޟާން މަހު ފިތުރު ޒަކާތުގެ ގޮތުގައި ފައިސާއިން ޖުމްލަ 15,009,749 (ފަނަރަ މިލިއަން ނުވަހާސް ހަތްސަތޭކަ ސާޅީސް ނުވަ) ރުފިޔާ ލިބިފައިވެއެވެ. މިއީ ފާއިތުވި ތިން އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ޒަކާތުގެ ފައިސާ އިތުރުވުމާ ގުޅިގެން، ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް މި އަހަރު 6,000 ރުފިޔާގެ މަގުން ޒަކާތް ބަހާފައިވާކަން ފާހަގަކޮށްލެވެ އެވެ.









