މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކާއި ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިން، ޤުދުސްގައި ހުންނަ މާތްވެގެންވާ މަސްޖިދުލް އަޤްޞާގެ ހުރުމަތް 26 ފަހަރެއްގެ މަތިން ކަނޑާލައި އެ މިސްކިތުގެ ތެރެއަށް ގަދަކަމުން ވަދެގެންފައިވާ ކަމަށް ފަލަސްޠީނުގެ އައުޤާފް އަދި ދީނީ ކަންކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އައުޤާފް މިނިސްޓްރީން ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ސިފައިންގެ ހިމާޔަތުގައި ތިބެ ޔަހޫދީ ވަޒަންވެރިން ވަނީ މިސްކިތުގެ ގޯތިތެރެއަށް ވަދެ، އަޅުކަންތައްތައް އަދާކޮށް، މުސްލިމުންގެ މި މާތް ބިމުގެ ތާރީޚީ އަދި ޤާނޫނީ ހައިސިއްޔަތު އޮޅުވާލުމަށް މަސައްކަތް ކޮށްފައެވެ. އަދި ޔަހޫދީންގެ ދީނީ ޢީދުތަކާ ދިމާކޮށް މި އުދުވާނީ ޢަމަލުތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.
މީގެ އިތުރުން، ފަލަސްޠީނުގެ މުސްލިމުން މިސްކިތަށް ވަދެ ނަމާދުކުރުމަށް އިސްރާއީލު ސިފައިން ވަނީ ބޮޑެތި ހުރަސްތަކެއް އަޅައި، ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ވަނުން މަނާކޮށްފައެވެ. އަދި އަލްއަޤްޞާ މިސްކިތުގެ އިތުރުން، ޚަލީލް (ހެބްރޯން) ގައި ހުންނަ އިބްރާހީމީ މިސްކިތުގައި ބަންގި ގޮވުމަށް ވެސް އިސްރާއީލުން 57 ފަހަރެއްގެ މަތިން ހުރަސްއަޅާފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އައުޤާފް މިނިސްޓްރީން ވަނީ އިސްރާއީލުން އިސްލާމީ މުޤައްދަސް ބިންތަކަށް އަމާޒުކޮށް ހިންގަމުންދާ މިފަދަ ޖަރީމާތައް ވަގުތުން ހުއްޓުވުމަށާއި، މިސްކިތްތަކުގެ ހުރުމަތް ރައްކާތެރިކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށާއި އިސްލާމީ ޤައުމުތަކަށް އިލްތިމާސްކޮށްފައެވެ.




