ވ. ކެޔޮދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި، އޭގެއިން ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަމުން 01:15 އެހައިކަންހާއިރު އެވެ. މި ހާދިސާ ހިނގި އިރު އެ ލޯންޗުގައި ޖުމްލަ 7 މީހުން ދަތުރުކުރަމުން ދިޔަކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
މި ހާދިސާގައި އަނިޔާވި ތިން މީހަކަށް މިހާރު ދަނީ ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި، ލޯންޗުން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނަކާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ. މި ހާދިސާ ހިނގި ވަގުތު ލޯންޗުން ވިއްސައިގެން ގޮސް މޫދަށް ވެއްޓިފައިވަނީ ރަޝިއާ އަންހެން މީހާގެ އިތުރުން އިންޑިއާގެ ހަތަރު ފިރިހެނުންނެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ވ. ކެޔޮދޫ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 2 ނޯޓިކަލް މޭލު ބޭރުންނެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.










