ބަރަކާތްތެރި ރަމަޟާން މަސް ނިމުމަކީ އަޅުކަމާއި އަޅުވެރިކަމުގެ ދުވަސްތައް ނިމުން ނޫން ކަމަށާއި، ޝައްވާލު މަހުގެ ހަ ރޯދައަކީ އަޅުވެރިކަމުގެ ދުވަސްތައް އަލުން ފަށައިގެން ކުރިއަށް ދިއުމަށް ލިބޭ މުހިންމު ދައުވަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބަރަކާތްތެރި ފިތުރު އީދުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ، ކޮންމެ އަހަރެއްގެ ވެސް ފިތުރު އީދަކީ ރަމަޟާން މަހުގެ މަތިވެރި އަޅުކަން ފުރިހަމައަށް އަދާކުރެވުނު ކަމުގެ އުންމީދާއި، ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބިފައިވާ ކަމުގެ އިތުބާރާއެކު އުފާ ފާޅުކުރާ ދުވަހެއް ކަމަށެވެ. އަދި އީދަކީ އުފާކުރުމުގެ ދުވަހެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޢީދުގެ އުފާ ފާޅުކުރުމުގައި މާތް ﷲއަށް ޙަމްދުކުރުމާއި، ރޯދަމަހުގެ ރޭތަކާއި ދުވަސްތައް އަޅުކަމުގައި ހޭދަކުރެވުނީތީ އެކަމުގެ އުފާ ފާޅުކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން މުޖުތަމަޢުގައި ތިބި ނިކަމެތިންނަށް ދީލަތިވުމާއި، އެކަކު އަނެކަކަށް ހިތްހެޔޮކޮށް، އީމާންކަމާއި ލޮބުވެތިކަން އާލާކުރުމުގެ މުހިންމުކަން އެމަނިކުފާނުގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އީދުގެ އުފާ ފާޅުކުރުމުގައި ވެސް އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވާންޖެހޭ ކަމަށެވެ. ރަމަޟާން މަހަކީ ނަފުސުތަކަށް މުހިންމު ތަމްރީނުތަކެއް ދިން މަހެއްކަން ފާހަގަކުރައްވައި، ދޫތަކުން ހެޔޮ ބަސް ބުނުމަށާއި، ބައިބައިނުވެ އެއްބައިވަންތަ ޖަމާޢަތެއްގެ ގޮތުގައި ދެމިތިބުމަށް ރައީސް ބާރުއެޅުއްވިއެވެ.
އޭގެ އިތުރުން ރަމަޟާން މަހުގެ ރޯދަތަކަށް ފަހު ޝައްވާލު މަހުގެ ހަ ރޯދަ އައުމަކީ ހެޔޮ އަމަލުތަކުގެ މަތީގައި ދެމިތިބުމަށް އިސްލާމްދީން ބާރުއަޅާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށެވެ. އެހެންކަމުން ރޯދަމަސް ނިމުނު ނަމަވެސް އަޅުކަންތަކާ ދުރުހެލިނުވެ، އެ އަމަލުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ހިތާބު ނިބްމަވާލައްވަމުން ރައީސް ވިދާޅުވީ މިއަހަރުގެ އީދުގެ އުފާ އަޅުގަނޑުމެންގެ އިސްލާމީ އުންމަތާ ބައްދަލުކުރި އިރު، އުންމަތް ވަރަށް ބޮޑު ނުތަނަވަސްކަމެއްގެތެރޭގައި އޮތް ކަމަށެވެ. ހާއްސަކޮށް ފަލަސްތީނުގައި، އާންމުކޮށް މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމު އެތައް އަހުންނާއި އުހްތުން ތިބެންޖެހިފައިވަނީ ބޮޑު ހިތްދަތިކަމެއްގެ ތެރޭގައި ކަމަށާއި މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލުކަމަށް ވާތީ، އެފަރާތްތަކުގެ ހުރިހައި ވޭނެއްގައި އެންމެންވެސް ބައިވެރިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި މި ހާލަތުގައި އަވަސް ގޮތެއްގައި އެ ލޮބުވެތި އަހުންނާއި އުހުތުންނަށް އަމާންކަމާއި ރައްކާތެރިކަމަށާއި މުސްލިމުންނަށް ބާރުވެރިކަމާއި ގަދަރުވެރިކަމާއި ހައިބަތަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.









