ޤަޠަރުގައި ތިބި އީރާނު މީހުން ބޭރުކޮށްލަން ޤަޠަރުގެ ސަރުކާރުން ނިންމައި، މިހާރުންމިހާރަށް އީރާނުގެ ސެކިއުރިޓީން ޤަޠަރުން ފޭބުމަށް އަމުރު ކޮށްފިއެވެ. މި ގޮތަށް ނިންމީ، އީރާނުން ޤަޠަރުގެ ގޭސް ފެސިލިޓީ އަށް ރޭ ޙަމަލާ ދިނުމާއި ގުޅިގެންނެވެ.
އީރާނުން ވަނީ ޤަޘަރުގެ ރަސް ލައްފާން އިންޑަސްޓްރިއަލް ސިޓީގައި ހުންނަ ގޭސް ފެސިލިޓީތަކަށް މިސައިލް ޙަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މިއާއި އެކު ޤަޠަރުން އެންގީ އީރާނުގެ އަސްކަރިއްޔާ އާއި ސެކިއުރިޓީންތައް ޤަޠަރުން ފުރައިގެން ދިއުމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ލިކުއިފައިޑް ނެޗުރަލް ގޭސް ހަބް ކަމަށްވާ ރަސް ލައްފާން އަށް ލިބުނު ގެއްލުމުގެ މިންވަރެއް އަދި ސާފެއް ނުވެއެވެ.
އީރާނުން ޤަޠަރަށް މި ޙަމަލާ ދިނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އިންޒާރު ދިނުމަށް ފަހުގައެވެ. އެ އިންޒާރުގައި އީރާނުން ބުނީ އެތަންތަން ހުސްކުރާށެވެ.










