ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގެ ތެރެއިން 29 ވިލޭރޭ، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް، ހިލޭ އަންހެން ކުއްޖަކާއެކު އެކަހެރި ސަރަހައްދެއްގައި ނާތަހުޒީބު އަމަލެއްގައި އޮއްވައި ރައްޔިތުންނަށް އަތުލައިގަނެވި، އެ ސިޓީގައި ބޮޑު ހަމަނުޖެހުމެއް ހިނގައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 3:00 ހާއިރު، ގިނަ ބަޔަކު ދަމުނަމާދަށް ދިއުމަށް ތައްޔާރުވަމުންދިޔަ ވަގުތެއްގައި، އެ ސިޓީގެ އެއާޕޯޓް ސަރަޙހައްދުގެ އެކަހެރި ދިމާލެއްގަ އެވެ. މި ހާދިސާގެ މަންޒަރުތައް "Ahsan Abbe" ނަމަކަށް ކިޔާ ފޭސްބުކް އައިޑީއަކުން ވަގުތުން ލައިވްކޮށްފައިވާއިރު، މޭޔަރު އާތިފް އޭނާގެ ކާރުގައި އަންހެން ކުއްޖަކު ގޮވައިގެން އޮއްވައި އެ ކުއްޖާގެ ބައްޕަ އެތަނަށް ގޮސް ދަރިފުޅު ސަލާމަތްކުރަން އާދޭސްކުރާ މަންޒަރު ފެނިގެން ގޮސްފައިވެ އެވެ. ނަމަވެސް، މޭޔަރު ވަނީ އެ އާދޭސްތަކަށް ބީރު ކަންފަތެއް ދީ، ކާރުގެ ދޮރުތައް ތަޅުލައިގެން އިނދެ އާއިލާގެ ކަރާމާތަށް ފުރައްސާރަކުރުމަށްފަހު، އެ ކުއްޖާ ގޮވައިގެން ބާރު މިނުގައި ކާރު ދުއްވާފައި ގޮސްފަ އެވެ.
މި ކަމާ ގުޅިގެން ރަށުގެ މަސްލަހަތު އިތުރަށް ގޯސްވެގެން ދިޔައީ، މޭޔަރުގެ ދިފާއުގައި އެމް.ޑީ.ޕީގެ ސަޕޯޓަރުންތަކެއް ނުކުމެ، ކާރު ފަހަތުން ދިޔަ އާންމު ރައްޔިތުންގެ ގައިގައި ސައިކަލުތަކުން ޖައްސައި، ލޭއޮހޮރުވުމަކަށް މަގުފަހިވާ ފަދަ ހަމަލާތަކެއް ދޭން ފެށުމުންނެވެ. މި ބިރުވެރި މަންޒަރުތައް ވެސް ވަނީ ވީޑިއޯތަކުން ފެނިފަ އެވެ.
ފުލުހުން އެ ސަރަހައްދަށް ހާޒިރުވެ، ސުލްހަވެރިކޮށް މައްސަލަ ހައްލުކުރަން އުޅުމުންވެސް، މޭޔަރު ވަނީ ފުލުހުންގެ އަމުރަށް ގޮންޖަހައި، ކާރު ދުއްވާފައި ގޮސް ޕޮލިސް ސްޓޭޝަން ތެރެއަށް ވަދެގަނެފަ އެވެ. އަދި އެތަނަށް އެއްވެ ތިބި ރައްޔިތުންނަށް ފިލައިގެން، ފުލުހުންގެ އެހީތެރިކަމާއެކު އެ އަންހެން ކުއްޖާ ސިއްރުން ގެއަށް ފޮނުވާލާފައިވަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުންނެވެ.
މުޅި އިސްލާމީ އުންމަތް އަޅުކަމުގައި މަޝްއޫލުވެ އުޅުނު ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ރޭތަކުގައި، ސިޓީގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުރި މީހެއްގެ ފަރާތުން ފެނިގެންދިޔަ މި ފާހިޝް އަމަލުގެ ސަބަބުން ކުޅުދުއްފުށީގެ ރައްޔިތުން ތިބީ އިންތިހާއަށް ކޯފާވެފަ އެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ދެވަނަ ދައުރަކަށް އެމް.ޑީ.ޕީގެ ޓިކެޓުގައި ކުރިމަތިލައްވައިގެން ހުންނެވި އާތިފްގެ މައްޗަށް މީގެ ކުރިންވެސް ކުރެވެމުންދިޔަ ބަދުއަހުލާގީ ތުހުމަތުތަކަކީ ހަގީގަތެއްކަން މި ހާދިސާއިން ވަނީ ސާފުވެފައެވެ.
މިފަދަ ލަދުވެތި އަދި ދަށުދަރަޖައިގެ އަމަލެއް ހިންގުމަށްފަހު، އާތިފަށް އިތުރަށް ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ދައްކާނެ މޫނެއް ނެތްކަމަށް ބުނެ، ކުޅުދުއްފުށީގެ ގިނަ ރައްޔިތުން ދަނީ އޭނާ ވަގުތުން އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.









