ކުޅުދުއްފުށި ސިޓީ އެކި ފިހާރަތަކަށް ސައްހަ ނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަސަން މޫސާ، ފައިންސް / ހދ. ކުޅުދުއްފުށި (33އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
ކުޅުދުއްފުށި ސިޓީގެ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން 3،000 އަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހަސަން މޫސާ ނަގާފައިވާކަން މިހާތަނަށް ބެލިބެލުމުން އެނގިިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އިތުރު ފިހާރައަކުން ވެސް ސައްހަ ނޫން ސްލިޕް ފޮނުވައިގެން އޭނާ ވިޔަފާރިކޮށްފައިވާ ނަމަ ކުޅުދުއްފުށި ސިޓީ ޕޮލިހަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
މި މައްސަލައާ ގުޅިގެން ހަސަން މޫސާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.










