ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި އަދާލަތު ޕާޓީން ތާއީދު ކުރާނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ކަމަށް އެޕާޓީން ނިންމައިފިއެވެ.
އެޕާޓީން މިގޮތަށް ނިންމިކަން ރަސްމީކޮށް މީސްމީޑިއާގައި ވަނީ އިއުލާންކޮށްފައެވެ. އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއިއެކު ކުރިއަށްދާ މި ވޯޓުގައި އަދާލަތު ޕާޓީން ތާއީދު ކުރާނެ ގޮތް ހާމަކޮށްފައިވަނީ، އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމަކަށް ފަހުއެވެ.
އެ ޕާޓީން ބުނީ، މި ވޯޓުގައި "ފެންނަކަމަށް" ވޯޓު ދޭން ނިންމާފައިވަނީ، ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ރިއާޔަތްކޮށް ކަމަށެވެ. އަދި މިގޮތަށް ވޯޓު ދިނުމަށް އެޕާޓީގެ މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނަގަނީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، މަޖިލީހުން ފާސްކޮށްފައިވާ "ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު" ތަސްދީގު ކުރުމާ ގުޅޭގޮތުންނެވެ.
މި ބިލް ތަސްދީގު ކުރަން ފެންނަ ކަމަށް ރާއްޖޭގެ ބޮޑު ހަތަރު ސިޔާސީ ޕާޓީއަކުން މިހާތަނަށް ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި، ޖުމްހޫރީ ޕާޓީގެ އިތުރުން މޯލްޑިވިއަން ޑިމޮކްރެޓިކް އެލަޔަންސް (އެމްޑީއޭ) ހިމެނެއެވެ.
މި ޕާޓީތަކުން ބުނެފައިވާ ގޮތުގައި، ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ތާއީދު ކުރަނީ ރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމްވެފައި އޮތުމަށާއި، އިންތިހާބުތަކަށް ދައުލަތުން ކުރާ ބޮޑު ހަރަދު ކުޑަކުރުމުގެ މަގުސަދުގައެވެ.









