އަންނަ އޭޕްރީލު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިންކަން އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހް ރަޝީދު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި ސިޔާސީ ހަ ޕާޓީއަކުން ޖުމްލަ 1،210 ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ވާދަކުރާ ކަމަށެވެ. މީގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ޕީއެންސީންނެވެ. އެ ޕާޓީން 665 ކެންޑިޑޭޓުން ކައުންސިލް އިންތިހާބުގައި ވާދަކުރެ އެވެ.
ކައުންސިލް އިންތިހާބުގައި ދެން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު އެމްޑީޕީންނެވެ. އެ ޕާޓީން 495 ކެންޑިޑޭޓުން ވާދަކުރާއިރު، އެމްޑީއޭ އިން 31 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން އަށް ކެންޑިޑޭޓުން، ދަ ޑިމޮކްރެޓްސް އިން އަށް ކެންޑިޑޭޓުން އަދި އަދާލަތު ޕާޓީން ތިން ކެންޑިޑޭޓުން ވާދަކުރެ އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމްލަ 1،383 ކެންޑިޑޭޓުންގެ ކެންޑިޑެންސީ ވަނީ ގަބޫލުކޮށްފަ އެވެ. މީގެ ތެރެއިން ފަސް ސިޔާސީ ޕާޓީއަކުން 1،116 މީހުން ކުރިމަތިލާފައި ވާއިރު، އަމިއްލަ ގޮތުން 267 ކެންޑިޑޭޓުން ވާދަކުރެ އެވެ. މި އިންތިހާބުގައި ވެސް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ޕީއެންސީންނެވެ. އެއީ 658 ކެންޑިޑޭޓުންނެވެ.
މީގެ އިތުރުން އެމްޑީޕީން 417 ކެންޑިޑޭޓުން، އެމްޑީއޭ އިން 28 ކެންޑިޑޭޓުން، އަދާލަތު ޕާޓީން ހަ ކެންޑިޑޭޓުން އަދި ޖުމްހޫރީ ޕާޓީން ހަތް ކެންޑިޑޭޓުން މި އިންތިހާބުގައި ވާދަކުރެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ބައެއް ރަށްތަކުގެ ކައުންސިލްތަކަށް ބޭނުންވާ އަދަދަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައި ނުވާތީ، ބައެއް ގޮނޑިތަކަށް މިހާރު ވެސް ވަނީ ކެންޑިޑޭޓުން އިންތިހާބުވެފަ އެވެ.
އެގޮތުން ދެ ރަށެއްގެ ކައުންސިލް ރައީސްގެ ގޮނޑިއާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައެއް ގޮނޑިތައް އިންތިހާބަކާ ނުލައި ވެރިކަން ކުރާ ޕީއެންސީއަށް ވަނީ ކަށަވަރުވެފަ އެވެ.










