ޒަމާނީ ޔޮޓް މެރީނާއެއް ހއ. އުލިގަމުގައި ތަރައްގީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް އިން ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑްއާ ހަވާލުކޮށް، އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކުޓިވް އޮފިސަރު އަލީ ހާޝިމެވެ. ސާސީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަވާދެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އެއް ފަހަރާ 18 ޔޮޓަށް ބަނދަރުކުރެވޭނެ ފަދަ ޒަމާނީ މެރީނާއެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މެރީނާ ގާއިމުވުމުން ޔޮޓްފަހަރަށް ބޭނުންވާ މައިގަނޑު އަސާސީ ހިދުމަތްތަކުގެ އިތުރުން، އިމިގްރޭޝަނާއި ކަސްޓަމްސްގެ ހިދުމަތްތައް ވެސް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ.
ހއ. އުލިގަމަކީ ރާއްޖެއަށް އެތެރެވާ ޔޮޓުތައް އާންމުކޮށް ބަނދަރުކުރާ މުހިންމު މަންޒިލެކެވެ. އެމްޕީއެލް އިން މައުލޫމާތު ދޭ ގޮތުގައި، މި މެރީނާ އޮޕަރޭޓްކޮށް އިތުރަށް ތަރައްގީކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
އުލިގަމަށް ހާއްސަ އިގުތިސާދީ މަސައްކަތެއްގެ ގޮތުގައި ޔޮޓް މެރީނާ ތަރައްގީކުރުމަކީ، އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ މި ދާއިރާ ފުޅާކޮށް، އޭގެ ނަފާ އިތުރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެކެވެ.









