ކައްކާ ގޭހުގެ އިތުރު ޝިޕްމެންޓެއް ކުރިއަށް އޮތް ހުކުރު ދުވަހު އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭހަށް ލިބޭނެ ކަމަށް އެސްޓީއޯ އިން މިއަދު ހާމަކޮށްފިއެވެ.
އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދީފައިވާ ހަމަލާތަކާ އެކު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ އުފުލިފައެވެ. އެސްޓީއޯ އިން ބުނި ގޮތުގައި މި ހާލަތާ ގުޅިގެން ގޭސް ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ގޭހުގެ ޑިމާންޑު މި ދުވަސްވަރު އާދަޔާ ހިލާފަށް އިތުރުވެފައިވާތީ، އެސްޓީއޯ އިން ވަނީ ގޭސް ވިއްކުން ލިމިޓްކޮށްފައެވެ. އެގޮތުން މި ހަފުތާގައި 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ކަސްޓަމަރުންނަށް ވިއްކަމުންދަނީ ފަސް ކިލޯގެ ގޭސްފުޅިއެވެ. ނަމަވެސް ހުކުރު ދުވަހު އަންނަ އާ ޝިޕްމެންޓާ އެކު މިކަމަށް ހައްލެއް ލިބޭނެ ކަމަށް ބެލެވެއެވެ.
މިދިޔަ މަހު ވެސް 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ޑިސްކައުންޓު ރޭޓުތަކަކާ އެކު ހަތް ކިލޯގެ ގޭސްފުޅި އެސްޓީއޯ އިން ވިއްކާފައިވެއެވެ. އެކަމަކު މި ރޯދަމަހާ ދިމާކޮށް އާ ޝިޕްމެންޓެއް ގެނެސް، މީގެ ކުރިން ވިއްކަމުން އައި ގޮތަށް 10 ކިލޯގެ ގޭސްފުޅި އަލުން ވިއްކަން ފަށާފައިވާކަން ފާހަގަކުރެވެއެވެ.
ތެލުގެ ސަޕްލައިއާ ގުޅޭގޮތުން އެސްޓީއޯ އިން ބުނީ، ރާއްޖެ އަށް ބޭނުންވާ ތެޔޮ ގެނައުމުގައި ތެޔޮ އެތެރެކުރާ އެހެން ފަރާތްތަކާ ގުޅިގެން ސަޕްލައި މެނޭޖުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. "ތެލުގެ ސަޕްލައި މެނޭޖު ކުރެވޭނެ، އެކަމަކު އަގު އިތުރަށް އުފުލިދާނެ" ކަމަށް އެސްޓީއޯ އިން ލަފާކުރެއެވެ.
އެސްޓީއޯ އިން އިތުރަށް ބުނި ގޮތުގައި ރާއްޖޭގައި ހުރި ތެލުގެ ސްޓޯރޭޖުގައި އެއްވެސް މައްސަލައެއް ނެތެވެ. އަދި ތެލުގެ އާ ޝިޕްމެންޓުތައް މި މަހުގެ 20 އަދި 23 ވަނަ ދުވަހު ރާއްޖެ އަށް އަންނާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.









