ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މީހާއަށް ހަތް އަހަރަށް ޖަލު ހުކުމެއް ކޮށްފި އެވެ.
މިކަމާ ބެހޭ ގޮތުން މިއަދު ފުލުހުން ބުނެފައި ވަނީ 2023 ވަނަ އަހަރު ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުހައްމަދު ޝަފީގުގެ މައްޗަށެވެ.
މުހައްމަދު ޝަފީގުގެ މައްޗަށް ހުކުމް ކުރީ 2023 ވަނަ އަހަރުގެ 14 ފެބްރުއަރީގައި ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި ހިންގި މާރާމާރިއަކާ ގުޅިގެންނެވެ. ކްރިމިނަލް ކޯޓުން އޭނާގެ މައަޗަށް ކުރީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.
އެގޮތުން ފުލުހުން ބުނީ ދައުވާ ސާބިތުވި މީހާ ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީ، ޒަހަމްކޮށްލާފައި ކަމަށެވެ. އަދި އެކަން ސާބިތު ކުރުމުގެ ގޮތުން ފުލުހުން ވަނީ ހާދިސާ ހިނގި ސަރަހައްދުން ހެކި ހޯދުމާއި، މަންޒަރު ދުށް މީހުންގެ ބަޔާން ނެގުމުގެ އިތުރުން، މާރާމާރީ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށް ބޭނުންވާ ތަހުގީގުގެ މަސައްކަތްތައް ކޮށްފައި ކަމަށް އެ އިދާރާއިން ބުންޏެވެ.
އެގޮތުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލިސްތަކުގައި، ފުލުހުންގެ ތަހުގީގުން ހޯދާފައިވާ އެންމެހައި ހެކިތަކާއި ހެކިންގެ ހެކިބަހުގެ އިތުރުން މައްސަލައާ ގުޅުންހުރި އެހެނިހެން ހެކިތަކަށް ރިއާޔަތްކޮށްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި އެ މައްސަލައިގައި ހުށަހެޅުނު ހެކިތަކާއި ގާނޫނީ ބަހުސްތަކަށް ބެލުމަށް ފަހު، މުހައްމަދު ޝަފީގުގެ މައްޗަށް ހުކުމް އިއްވީ މިދިޔަ އަންގާރަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު ޝަފީގު ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކޯޓުން ވަނީ އަންގާފަ އެވެ. ނަމަވެސް ހުކުމް ކުރުމުގެ ކުރިން ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމަށް ފަހު އޭނާގެ މައްޗަށް ތަންފީޒުކުރަން ޖެހޭ މުއްދަތަކީ ހަތަރު އަހަރު ކަމަށް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
މުހައްމަދު ޝަފީގުގެ މައްސަލައިގެ އަޑުއެހުންތަ ކުރިއަށް ދިޔަ ގޮތް އިތުރަށް ބަޔާން ކުރަމުން ފުލުހުން ބުނެފައި ވަނީ އބްތިދާއީ އަޑުއެހުމުގައި އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައި ކަމަށެވެ. އަދި އެ އަޑުއެހުމުގައި އޭނާ ބުނެފައި ވަނީ އެކަން ހިނގި އިރު އެތާގައި އޭނާ ނުހުންނާނެ ކަމަށެވެ. އަދި މުހައްމަދު ޝަފީގު ވަނީ އޭނާގެ ދިފާއުގައި ހެކި ވެސް ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް ހުލާސާ ބަޔާން ހުށަހެޅުމަށް ދިން ފުރިސަތުގައި އޭނާ ވަނީ ދައުވާއަށް އިއުތިރާފުވި ކަމަށް ފުލުހުން ބުންޏެވެ.










