އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދީ، ބައެއް އުޅަނދުތައް ހިފަހައްޓަމުންދާ ދަނޑިވަޅެއްގައި، ހޮރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި އެ ސަރަހައްދަށް މަނަވަރުތައް ފޮނުވުމަށް ޑޮނަލްޑް ޓްރަމްޕް، އިނގިރޭސިވިލާތާއި ދުނިޔޭގެ އެހެން ގައުމުތަކަށް ގޮވާލައިފި އެވެ.
މިކަމާ ގުޅޭގޮތުން ޓްރަމްޕް ބުނީ، ދުނިޔޭގެ އިގްތިސާދަށް ނުހަނު މުހިންމު މި ކަނޑުގެ މަގު ރައްކާތެރިކުރުމަކީ ހަމައެކަނި އެމެރިކާއިން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެ ސަރަހައްދުން ގިނަ އަދަދަކަށް ތެޔޮ ބޭރުކުރާ ގައުމުތަކުންނާއި، އެ މަގުން މުދާ އުފުލާ ގައުމުތަކުން ވެސް އަމިއްލަ އުޅަނދުފަހަރުގެ ހިމާޔަތުގައި އަމަލީ ގޮތުން ބައިވެރިވާންޖެހޭނެ ކަމަށް އޭނާ ފާހަގަކުރި އެވެ.
މި ގޮވާލުން އައިސްފައިވަނީ އީރާނާއި ހުޅަނގުގެ ގައުމުތަކާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވެ، ހޮރްމުޒް ކަނޑުއޮޅީގައި އުޅަނދުފަހަރަށް ދޭ ހަމަލާތައް އިތުރުވެފައިވާ ވަގުތެއްގަ އެވެ. ހޮރްމުޒް ކަނޑުއޮޅިއަކީ މެދުއިރުމަތިން އުފައްދާ ތެލުގެ ބޮޑު ބައެއް ދުނިޔޭގެ ބާޒާރަށް ފޮނުވުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް މަގެވެ.
އިނގިރޭސިވިލާތުން މީގެ ކުރިން ވެސް ވަނީ އެ ސަރަހައްދުގައި ދަތުރުކުރާ އެ ގައުމުގެ އުޅަނދުތަކަށް ހިމާޔަތް ދިނުމަށްޓަކައި އިތުރު މަނަވަރުތައް ފޮނުވާފަ އެވެ. ނަމަވެސް، ޓްރަމްޕް ބާރުއަޅަނީ މިއަށްވުރެ ފުޅާ ދާއިރާއެއްގައި ބައިނަލްއަގުވާމީ ކޯލިޝަނަކުން މި މަސައްކަތުގައި ބައިވެރިވުމަށެވެ.
މި މައްސަލައިގައި އީރާނުގެ އެކްސްޕިޑިއެންސީ ކައުންސިލްގެ މެންބަރަކު ވިދާޅުވެފައިވަނީ، އެމެރިކާގެ މަނަވަރުތަކަށް ހޮރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮންނާނެ ކަމަށާއި، ގަލްފް ސަރަހައްދުން އެމެރިކާގެ ސިފައިން ބޭލުމަށް ގޮވާލާ ކަމަށެވެ. ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު ކަނޑުގެ މަގުގެ ދަތުރުފަތުރުތައް ވަނީ، ފެބުރުވަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށްފަހު ވަރަށް ބޮޑަށް ހުއްޓުމަކަށް އައިސްފަ އެވެ.
މީގެ އިތުރުން، އީރާނުން މިހާރު ދަނީ ހޮރްމުޒް ކަނޑުއޮޅިން ތެޔޮ ޓޭންކަރުތައް ދަތުރުކުރުމާ ގުޅޭ އާ އުސޫލުތަކަކަށް އަމަލުކުރުމަށް ވިސްނަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، އީރާނުން ބައެއް ތެޔޮ ޓޭންކަރުތަކަށް އެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ ދޭން ނިންމާފައިވަނީ، އެ އުޅަނދުތަކުން އުފުލާ ތެލުގެ މުއާމަލާތްތައް ޗައިނާގެ ފައިސާ ކަމަށްވާ 'ޔުއާން' އިން ކުރާނަމަ އެވެ.
މިއީ ދުނިޔޭގެ ތެލުގެ ބާޒާރުގައި އާންމުކޮށް ބޭނުންކުރާ އެމެރިކާ ޑޮލަރުގެ ބަދަލުގައި، އީރާނާ ގާތް ގުޅުމެއް ބާއްވާ ޗައިނާގެ ފައިސާއަށް އިސްކަންދިނުމަށް އެ ގައުމުން ގެންގުޅޭ އާ ހަރުކަށި ސިޔާސަތެކެވެ. މި ނުތަނަވަސްކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 2022 ވަނަ އަހަރުގެ ފަހުން ނުއުފުލޭ މިންވަރަށް މައްޗަށް ގޮސްފަ އެވެ.










