އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ އަވަހާރަކޮށްލީ އެމެރިކާއާއި އިޒުރޭލު، ގުޅިގެން ދިން ވައިގެ ހަމަލާތަކެއްގައި ރަމަޟާން މަހުގެ 10 ވަނަ ދުވަހު، ކީރިތި ޤުރުއާން ކިޔަވާވިދާޅުވާން އިންނަވަނިކޮށް ކަމަށް އީރާނުގެ އައު ސްޕްރީމް ލީޑަރު، އަދި ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ.
އީރާނުގެ އައު ސުޕްރީމް ލީޑަރު މުޖްތާބާ ޚާމަނާއީ ދެއްވި ޚިޠާބެއްގައި އޭނާގެ ބައްޕަ، ސިފަކުރެއްވީ ޝަހީދެއްގެ ގޮތުގައެވެ. އަދި އެ ގެއްލުމުގެ ސަބަބުން އީރާނަށް ވަރަށް ބޮޑު ސިހުމެއް ލިބިގެންދިޔަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އީރާނުގެ އައު ސްޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީގެ ފުރަތަމަ އޯޑިއޯ މެސެޖުގައި ޚަރުމުޒު ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އީރާނުގެ އައު ސުޕްރީމް ލީޑަރު ވަނީ އީރާނުގެ ރައްޔިތުންނަށް ކެތްތެރިވުމަށާއި އެއްބައިވަންތަވުމަށް އިލްތިމާސްކުރައްވައި، މި ދަތި ދަނޑިވަޅުގައި ގައުމު ހުރިހާ ރައްޔިތުން ބައިބައި ނުވެ ދެމިތިބެން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މުޖްތާބާ ޚާމަނާއީ ސާފުކޮށްދެއްވީ ހަނގުރާމަ ކުރިއަށްދާނެ ކަމަށާއި އީރާނުން އެގައުމުގެ ޝަހީދުންގެ ލޭގެ ބަދަލު ހިފާނެ ކަމަށެވެ.
އަދި އީރާނުން ދުޝްމަނުންނާ ދެކޮޅަށް ސާބިތުވެ ތިބޭނެ ކަމަށާއި، އެއްވެސް ޕްރެޝަރަކަށް ބޯނުލަނބާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ ޝަހީދު އާޔަތުالله ޚާމަނާއީ އަކީ އީރާނުގެ ސިޔާސީ އަދި ދީނީ ނިޒާމުގައި ގިނަ އަހަރުތަކެއް ވާނދެން އެންމެ ނުފޫޒުގަދަ ޝަޚްޞިއްޔަތު ކަމެވެ. އޭނާގެ އާދަޔާ ޚިލާފު ކުޅަދާނަ ހިންގުންތެރިކަމުގެ ސަބަބުން އީރާނުގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ހެއު އަސަރެއް ކޮށްފައި ވެއެވެ.










