ހުސްވެފައިވާ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރުމުގެ ގޮތުން ދައުރުން ބޭރުން އިތުރު 2 ޖަލްސާ ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ވަނީ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އާ ޕްރޮސެކިއުޓަރ ޖެނެރަލަކު އައްޔަން ކުރަން ޖެހޭ ކަމަށް ބުނާ ޕްރޮސެކިއުޓަރުގެ ގާނޫނުގައިވާ ގޮތުގެ މަތިން، ހުސްވެފައިވާ މަގާމު އަވަހަށް ފުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅު ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅަން ޖެހޭއިރު، އެކަމަށްޓަކައި ޖަލްސާ ބާއްވަން ޖެހޭނެއެވެ.
އެއަށްފަހު ދެވަނަ ޖަލްސާއަކީ އެ ކޮމިޓީގެ ރިޕޯޓް ދެން ފާސްކުރުމަށް ފުރިހަމަ މަޖިލީހަށް ހުށަހަޅަން ޖެހޭ ޖަލްސާ އެވެ.
މަގާމުން ދުރުކުރުމުގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ހުސައިން ޝަމީމް އިސްތިއުފާ ހުށަހެޅުއްވިކަން އިއުލާންކޮށްފަ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ރައީސް އޮފީހުން އިސްތިއުފާ ދެއްވިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވާކަން ސާފުކޮށްދެއްވާފައެވެ. އަދި އެފަދަ ސިޓީއެއް ލިބިފައި ނުވާކަން ރައީސް އޮފީހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.









