ލ. މާވަށުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ރަށު ބޭސްގެ، މުހައްމަދު އިބްރާހީމް (43އ) އެވެ.
މުހައްމަދު އިބްރާހީމް ހައްޔަރުކޮށްފައިވަނީ މާވަށަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ސާފު ރަށަކަށް ހެދުމަށްޓަކައި އެ ރަށު ފުލުހުން ކުރިއަށްގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިންނެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ މި މާރިޗު މަހުގެ 10 ވަނަ ދުވަހުގެ ރޭ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު، އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައެވެ.
ފުލުހުން އޭނާ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 63 ރަބަރު ޕެކެޓު އޭނާގެ އަތުން ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން މުހައްމަދު އިބްރާހީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
މި މައްސަލަ ލ. މާވަށު ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.









