މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ އުފެއްދުންތައް ޖަޕާނުގެ ބާޒާރުގައި އިތުރަށް ފުޅާކުރުމަށާއި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ޖަޕާނުގެ ކުންފުނިތަކުގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ މިފްކޯގެ މަތީ ފަންތީގެ ވަފުދެއް ޖަޕާނުގެ ޓޯކިޔޯއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައެވެ.
މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ މަހުގެ އުފެއްދުންތަކަށް އަގުތަކާއި، ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ޖަޕާނުގެ ތަޖުރިބާކާރު ކުންފުނިތަކުގެ އެހީތެރިކަމާއި ބައިވެރިވުން ހޯދުމެވެ.
މި ބައްދަލުވުމުގައި ބައިނަލްއަގުވާމީ ބާޒާރުގައި މިފްކޯގެ ވިޔަފާރި ފުޅާކުރުމަށާއި، ކުންފުނީގެ ހިންގުމުގެ ތެރޭގައި ޖަޕާނުގެ ކުންފުނިތަކުގެ ދައުރު ބޮޑުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.
މީގެ އިތުރުން، ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ޖަޕާނުގެ އިންވެސްޓަރުންނާއި ކުންފުނިތަކުގެ ބައިވެރިވުން ހޯދުމަށް އެމްބަސީ މެދުވެރިކޮށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބަސެޑާ އަހްމަދު އާދިލް އާއި ސެކަންޑް ސެކްރެޓަރީ ހައްވާ ސަމްހާ ބައިވެރިވެވަޑައިގެންނެވިއެވެ. އެބޭފުޅުން ވަނީ މިފްކޯގެ އުފެއްދުންތައް ޖަޕާނުގައި އިޝްތިހާރުކޮށް، ވިޔަފާރީގެ އާ ފުރުސަތުތައް ފަހިކޮށްދިނުމުގައި އެމްބަސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިފްކޯއިން އަންނަނީ ދުނިޔޭގެ އެކި މާކެޓްތަކުގައި އެ ކުންފުނީގެ އުފެއްދުންތައް އިޝްތިހާރުކޮށް، ބައިނަލްއަގުވާމީ އެކި ފެއާތަކުގައި ބައިވެރިވެ ދިވެހި މަހުގެ އުފެއްދުންތަކަށް އޮތް ތަރުހީބު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.









