ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން، ޓާމިނަލާއި އެންމެހާ ފެސިލިޓީތަކުގެ ޑީޓެއިލް ކުރެހުންތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދުމަށް ސަރުކާރުން އިއުލާނުކޮށްފިއެވެ.
މިއީ މާލެ ސަރަހައްދުގެ އިގުތިސާދީ ދާއިރާއިން ކުރިއަށްގެންދެވޭ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާއިރު، މި މަޝްރޫއުގެ ފޭސް 1ގެ ބައެއް މަސައްކަތްތައް މިދިޔަ މަހު ވަނީ ޗައިނާގެ ހާބާ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްފައެވެ.
މާލޭގެ 40 އަހަރުވީ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މިހާރުގެ ސަރުކާރުގެ މުހިންމު ނިންމުމެކެވެ. ކުރީ ސަރުކާރުން ބަނދަރު ގުޅިފަޅަށް ބަދަލުކުރުމަށް ނިންމާފައި އޮތް ނިންމުން ބަދަލުކޮށް، ސިނާއީ މަސައްކަތްތަކަށް ހާއްސަ ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުން މިހާރުގެ ބަނދަރަށްވުރެ 4 ގުނަ ޖާގަ އިތުރުވެގެންދާނެއެވެ. މިކަމަށް ބޭނުންވާ ބިން ހަމަޖައްސައި، އެމްޕީއެލްއިން މިހާރު ވަނީ ތިލަފުށީގައި ތައްޔާރީތައް ފަށާފައެވެ.
"ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓް"ގެ ދަށުން ބަނދަރަށް ބޭނުންވާ ފެސިލިޓީތައް ތަރައްގީކުރުމަށް ބޭނުންވާ ޑީޓެއިލް ޑިޒައިންތައް ތައްޔާރުކުރުމަށް ބޭރުގެ އަދި ދިވެހި ތަޖުރިބާކާރު ކުންފުނިތަކަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މި މަސައްކަތުގެ ދަށުން ޑިޒައިން ކުރަންޖެހޭ ތަންތަނުގެ ތެރޭގައި ޕޯޓުގެ މައި ޓާމިނަލް، ކޮންޓެއިނާ ޔާޑް، އިދާރީ އޮފީސް އިމާރާތް، ކޮންޓްރޯލް ޓަވަރު، ގޭޓް ކޮމްޕްލެކްސް، ވޯކްޝޮޕް އަދި ސްޓާފް ސަޕޯޓް ފެސިލިޓީތައް ހިމެނެއެވެ.
މީގެ އިތުރުން އިމާރާތްތަކުގެ ސްޓްރަކްޗަރަލް އަދި އާކިޓެކްޗަރަލް މަސައްކަތްތަކާއި، ކޮންޓެއިނަރު ބަހައްޓާ ސަރަހައްދާއި ޕޯޓުގެ މަގުތައް ތަރައްގީކުރުމާއި ޔުޓިލިޓީ ހިދުމަތްތައް ގާއިމުކުރުމުގެ ޕްލޭންތައްވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. މިކަމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (EOI) ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރު 13:00 އެވެ.
މި ބަނދަރަކީ ކުރިއަށް އޮތް 30 އަހަރަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ފަރުމާކުރެވޭ ތަނެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ، އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށެވެ. މި ބަދަލާއެކު މިހާރު 7 ދުވަހުން ހުސްކުރެވޭ ބޯޓު 48 ގަޑިއިރުން ހުސްކުރެވި، މުދާ ގެނައުމުގެ ހަރަދު ކުޑަވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
އާ ބަނދަރުގެ ހިދުމަތް ފެށުމުން މުދަލުގެ އަގު ހެޔޮވެ، އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ. އަދި މިހާރު ބޭނުންކުރާ މާފަންނު ބަނދަރުގެ ސަރަހައްދު ސަރުކާރުގެ އެހެނިހެން ބޭނުންތަކަށް ހުސްކުރެވިގެންދާނެ ކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ.










