ފިތުރު އީދުގެ އުފާ ފާހަގަކުރުމަށް ޓަކައި، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން އިސްނަގައިގެން "އީދު ހަވީރު 1447" ގައުމީ ފެންވަރުގައި ތިން ދުވަހުގެ މުއްދަތަށް ބޭއްވުމަށް ނިންމައިފިއެވެ.
މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ބާއްވާ މި ހަރަކާތް ކުރިއަށްދާނީ އީދު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ އީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުވެ، އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
އެމްއެންޑީއެފުން ވިލަރެސްކޮށްގެން ކުރިއަށްގެންދާ މި ހަރަކާތްތަކުގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 10 އެސްއޯއީއަކުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިއުއެސްއީ، ވެމްކޯ، އެމްޕީއެލް، އެޗްޑީސީ، އެސްޓީއޯ، އެމްއޭސީއެލް، އާރުޑީސީ، އެމްޓީސީސީ އަދި މިފްކޯ ހިމެނެއެވެ.
"އީދު ހަވީރު 1447" ގެ ހަރަކާތްތައް ކޮންމެ ދުވަހެއްގެ ވެސް ހަވީރު 16:00 އިން 18:00 އަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކުރިއަށްދާނެއެވެ. މާލޭގައި މި ހަރަކާތްތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަހައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމާ ހަމައަށެވެ. ހުޅުމާލޭގައި ސެންޓްރަލް ޕާކާއި ފޭސް 2 ގެ ހިޔާ ޕާކު ސަރަހައްދުގައި ހަރަކާތްތައް އޮންނައިރު، ވިލިމާލޭގައި މި ހަރަކާތްތައް ކުރިއަށްދާނީ ފުޓްބޯޅަ ދަނޑުގައެވެ. މީގެ އިތުރުން، އީދު ދުވަހު ސަލްޓަން ޕާކުވެސް އާންމުންނަށް ހުޅުވާލުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
މި ހަވީރުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް ބައިވެރިވެވޭނެ ތަފާތު ކުޅިވަރުތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި އީދު ހަދިޔާ ދިނުން އޮންނާނެއެވެ. ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުން ތަފާތު ތީމުތަކަށް ތައްޔާރުކުރާ ސްޓޯލްތަކުގައި ކުޑަކުދިން ގަޔާވާނެ ގިނަ ގޭމްތަކެއް ހިމެނޭނެއެވެ.
މި ހަވީރުގެ އެންމެ ހާއްސަ އެއް ހަރަކާތަކަށް ވެގެންދާނީ އެމްއެންޑީއެފްގެ ސްޓޯލްތަކެވެ. އެތަނުން ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުގެ އުޅަނދުތައް ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އެ ތަކެއްޗާއެކު ފޮޓޯ ނެގުމާއި ބައެއް ތަކެތި ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް އާންމުންނަށް ހުޅުވާލެވޭނެއެވެ.










