އީރާނުން މީގެ ފަހުން 1 ޓަނަށް ވުރެ ލުއި އެއްވެސް ބޮމެއް ރޮކެޓެއްގައި ވެސް ނުފޮނުވާނެ ކަމަށާއި، އެމެރިކާގެ ބޭސްތަކަށް ދެން ދޭނީ މާ ވަރުގަދަ ޙަމަލާ ތަކެއް ކަމަށް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ އެއަރޮސްޕޭސް ފޯސް އިން ދެންމެ އިޢުލާން ކޮށްފިއެވެ.
އީރާނުގެ ބޮޑު މިލިޓަރީ ބާރުން ބުނީ މި ބަދަލު ގެންނަން ނިންމީ މާޒީގެ އޮޕަރޭޝަން ތަކުން ލިބުނު ފިލާވަޅު ތަކުގެ މައްޗަށެވެ.
ޙަމަލާ ތައް ވަރުގަދަ ކުރުމަށް އީރާނުން މި އިޢުލާން ކުރީ އެ ޤައުމާއި ދެކޮޅަށް 20 ގުނަ ބާރުމިނުގެ ޙަމަލާ ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައި ވަނިކޮށެވެ.
ޓްރަމްޕް މިއަދު ވިދާޅުވެފައި ވަނީ ޚޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް ބައިނަލްއަޤްވާމީ ތެލުގެ ވިޔަފާރިއަށް އީރާނުން ހުރަސް އަޅަމުންދާ ކަމަށާއި، ތެލުގެ ސަޕްލައި ހުއްޓުވާލައިފި ނަމަ އީރާނަށް ދެން ދޭ ޙަމަލާ ތައް މި ފަހުން ދިން ޙަމަލާ ތަކަސް ވުރެ 20 ގުނަ ބާރު ގަދަ ވާނެ ކަމަށެވެ.










