ދިވެހި ޒުވާނުންގެ މެދުގައި ވަތަނީ ރޫހު އާލާކޮށް، ގައުމީ ހިދުމަތަށް ތައްޔާރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމް" (މޯލްޑިވްސް ނޭޝަނަލް ސާވިސް)ގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޑިފެންސުން މިއަދު ހުޅުވާލައިފި އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްނަންގަވައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން ބާއްވާ "ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. މީގެ ތެރެއިން 18 އަހަރު ނުފުރޭ ކުދިންނަށް ބައިވެރިވެވޭނީ ޝަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ހުށަހެޅުމުންނެވެ. މީގެ އިތުރުން ބައިވެރިވާ ފަރާތްތަކަކީ ފުރިހަމަ ސިއްހަތެއްގައި ހުރި ފަރާތްތަކަށް ވާންޖެހެ އެވެ.
ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ މެއި މަހުގެ ފަހު ހަފުތާގެ ތެރޭގައެވެ. މި ތަމްރީނުތައް ކުރިއަށްދާނީ ޅ. މާފިލާފުށީގައި ހުންނަ އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގަ އެވެ.
ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިން އަދި މެޑިކަލް ސްކްރީނިން ހެދުމަށް ވަނީ ނިންމާފައެވެ. މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް، އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާއިރު، ތަމްރީނު ފުރިހަމަކުރުމުން ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 އެޕްރީލް 5 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހެ އެވެ. ފޯމު ހުށަހަޅާނީ [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި އެ މިނިސްޓްރީގެ ރިސެޕްޝަނަށެވެ. ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު 3035850 ނަންބަރު ފޯނާ ގުޅުއްވައިގެން ސާފުކުރެއްވޭނެ އެވެ.









