މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ މެންބަރުންގެ ތެރެއިން ހުސްވެފައިވާ އެއް މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ އޮފީހުން އަލުން ހުޅުވާލައިފި އެވެ.
ޕެންޝަން އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މި މަގާމަށް ކުރިމަތިލުމަށް ކުރިން ހުޅުވާލި ފުރުސަތުގައި ޝޯޓްލިސްޓް ކުރުމަށް ބޭނުންވާ މިންވަރަށް އެކަށީގެންވާ އެޕްލިކޭޝަން ލިބިފައިނުވާތީ، މިހާރު ވަނީ އެ ފުރުސަތު އިތުރުކޮށްފައެވެ. ޕެންޝަން އޮފީހުގެ ބޯޑަކީ ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ ހަތަރު މެންބަރުން ހިމެނޭހެން އެކުލެވިގެންވާ ބޯޑެކެވެ.
މި މަގާމަށް މެންބަރުން ހޮވުމުގެ މަސައްކަތް ކުރިއަށްދާނީ ގާނޫނުގައިވާ ގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. އެގޮތުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ތިން ނަމެއް ޝޯޓްލިސްޓް ކުރުމަށްފަހު، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން އެ ފަރާތްތަކުގެ ޝަރުތު ހަމަވާކަން ކަށަވަރު ކުރާނެއެވެ. ބޯޑަށް މެންބަރުން ރަސްމީކޮށް އައްޔަން ކުރައްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:
ވިޔަފާރި، އިގްތިސާދީ ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
ޕެންޝަން ނުވަތަ އިންވެސްޓްމަންޓް ދާއިރާގެ ތަޖުރިބާ ލިބިފައިވުން.
ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކަށް ނުވުން.
ސަރުކާރުގެ 50 އިންސައްތައަށްވުރެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެއްގެ ނުވަތަ އެފަދަ ކުންފުންޏެއްގެ ސަބްސިޑިއަރީއެއްގެ މުވައްޒަފަކަށް ނުވުން.
ޕެންޝަނާބެހޭ ގާނޫނުގެ 8 ވަނަ މާއްދާގެ (ނ) އަދި (ރ) ގައިވާ ޝަރުތުތައް ހަމަވުން.
މި މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން ކަވާ ލެޓަރ، ފިޓް އެންޑް ޕްރޮޕާ ޑެކްލަރޭޝަން ފޯމް، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ވަނަވަރު އަދި ތަޖުރިބާ ހާމަކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ އެވެ. މި ލިޔެކިޔުންތައް ޕެންޝަން އޮފީހަށް ނުވަތަ އެ އޮފީހުގެ ރަސްމީ އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ އޮފީހުން ބުނެއެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 29 މާރިޗު 2026 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.









