ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުންދާ ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސް އިއްޔެ ހަވާލުކޮށްފި އެވެ.

މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކޮށް، އަތޮޅުތެރޭގެ ރަށްރަށުގައި ސިއްހީ ވަސީލަތްތައް އިތުރުކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިފަހަރު އެމްބިއުލާންސް ހަވާލު ކުރެވުނު 14 ރަށަކީ:

  1. ހދ. ނެއްލައިދޫ ސިއްހީ މަރުކަޒު
  2. ހދ. ހަނިމާދޫ ސިއްހީ މަރުކަޒު
  3. ށ. މަރޮށި ސިއްހީ މަރުކަޒު
  4. ރ. ވާދޫ ސިއްހީ މަރުކަޒު
  5. ރ. ފައިނު ސިއްހީ މަރުކަޒު
  6. ޅ. ހިންނަވަރު ސިއްހީ މަރުކަޒު
  7. ކ. ތުލުސްދޫ ސިއްހީ މަރުކަޒު
  8. ކ. މާފުށީ ހޮސްޕިޓަލް
  9. އދ. މާމިގިލި ސިއްހީ މަރުކަޒު
  10. ފ. ފީއަލި ސިއްހީ މަރުކަޒު
  11. މ. ރަތްމަންދޫ ސިއްހީ މަރުކަޒު
  12. ތ. ވިލުފުށީ ސިއްހީ މަރުކަޒު
  13. ލ. ދަނބިދޫ ސިއްހީ މަރުކަޒު
  14. ސ. މަރަދޫ ސިއްހީ މަރުކަޒު

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެމްބިއުލާންސްގެ ހިދުމަތް ގާއިމްކުރުމެވެ. އެގޮތުން, އެމްބިއުލާންސް ނެތް ރަށްރަށަށާއި، ބޭނުންކުރަމުންދާ އެމްބިއުލާންސް ބާވެ ހަލާކުވެފައިވާ ރަށްރަށަށް އައު އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.