ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެންނައިރު ދައްކަންޖެހޭ ކޯޓާ ފީ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ދައްކަން ނުޖެހޭ ގޮތް ހެދުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒް ހުށަހެޅުއްވި މި ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި މި އިސްލާހު ކޮމިޓީ މަރުހަލާގައި ދިރާސާކުރިއިރު އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މި އިސްލާހުގެ ދަށުން، ވަކި ބާވަތެއްގެ ވިޔަފާރިއަކަށް ނިސްބަތްވާ ވަޒީފާދޭ ފަރާތްތަކުން ކޯޓާ ފީ ދެއްކުން އިސްތިސްނާކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިދެއެވެ.

އިސްތިސްނާ ދިނުމުގައި ރިއާޔަތްކުރާނެ ކަންކަން

ކޯޓާ ފީ ދެއްކުމުން އިސްތިސްނާ ދިނުމުގައި ބަލާނެ މުހިންމު ކަންތައްތަކެއް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި:

  1. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުން
  2. އިގުތިސާދުގައި އެ ވިޔަފާރިތަކުގެ ދައުރު ފުޅާކޮށް، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން
  3. ބޮޑެތި ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކުގެ ދެމެދުގައި އޮތް ފަރަގު ކުޑަކުރުން
  4. ވާދަވެރިކަން އުފައްދައި، އާ އުފެއްދުންތަކާއި ޚިދުމަތްތައް ތައާރަފުކުރުމަށް ހިތްވަރުދިނުން

މި އިސްލާހުގެ އިތުރުން، ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އެހެން ބައެއް މުހިންމު ބަދަލުތައް ވެސް މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. އޭގެ ތެރޭގައި މުވައްޒަފުން ވަޒީފާއިން ވަކިކުރާއިރު ދޭންޖެހޭ ނޯޓިސްގެ މުއްދަތުތަކަށް ގެނައި ބަދަލުތައް ހިމެނެއެވެ.

މީގެ އިތުރުން، ސަރުކާރު މުވައްޒަފުންނަށް ލިބޭނެ އާ އިނާޔަތެއްގެ ގޮތުގައި، ކުދިން ލިބުމުން ދެ އަހަރު ވަންދެން މުސާރައިން ނުކެނޑޭ ގޮތަށް، ކޮންމެ ދުވަހަކު ދެ ފަހަރު ބައިގަޑިއިރުގެ ހުސް ވަގުތުކޮޅެއް ލިބޭ ގޮތަށް ވެސް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.